"މިއީ އާއްމުކޮށް ހުރިހާ ކިއުންތެރިންނަށް އޮތް ފޮތެކެވެ. ހިސާބު އިލްމުގެ ބަޔަކަށް ވާކަަށް ނުޖެހެ އެވެ. މިއީ ހިތާމަފާޅުކުރުމުގެ ފޮތެއް ނޫނެވެ. އެކަމަކު މިއީ ހޯދައި އިޔާދަކުރުމުގެ ފޮތެކެވެ،" 

މިއީ ހިސާބު އިލްމުގައި ދިވެހިން ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޕްރޮފެސަަރު ހަސަން އުގައިލް އޭނާގެ އާ ފޮތުގެ ތައާރަފް ނިންމަވައިލައްވަމުން ލިޔުއްވާފައިވާ ލިޔުމެކެވެ.

"ދަ ހައުސް އޮފް އަލްޖެބްރާ" ގެ ނަމުގައި އިނގިރޭސި ބަހުން ލިޔުއްވި އާ ފޮތް ތައާރަފް ކޮށްދެއްވަމުން ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓު ފަށްޓަވާފައިވާ އިބާރާތުން އެނގޭ ގޮތުގައި މުޅި ފޮތުގެ ވެސް މަަގުސަދަކީ ހިސާބު އިލްމާއި އިސްލާމީ ތާރީހާ އޮތް ގުޅުން އަންގައިދިނުމެވެ. އެ އިލްމުގައި އިސްލާމީ އިލްމުވެރިން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތަށް މި ޖީލާއި އަންނަން އޮތް ޖީލުތަކުގެ މީހުންގެ ފަރާތުން ލިބެންޖެހޭ ގަދަރު ހޯއްދަވައި ދެއްވުމެވެ.

ފުރަތަމަ ވެސް އުގައިލް ފާހަގަކުރެއްވީ ހިސާބު އިލްމުގެ ވާހަކަ ދައްކާއިރު އެ އިލްމުގެ ހުރިހާ މޮޅުކަމެއް ނިސްބަތް ކުރަނީ ގްރީކާއި މިޒަމާނުގެ ޔޫރަޕަށް ކަމެވެ. 

"މި ފޮތުގައި އިއާދަކޮށްފައި ވާނީ ރިވާޔަތްތަކުގައި ނުގެނެސް ދޫކޮށްލާފައިވާ ބައެވެ. ބަޣުދާދުން ފެށިގެން ނިޝާ ޕޫރަށް ސަމަރުގަންދަށް، އިސްލާމީ އިލްމުވެރިން ކުރެއްވި ކަމަކީ ވާރުތަވި އިލްމެއް ރައްކާތެެރިކޮށް ދެމެހެއްޓުން އެކަންޏެއް ނޫނެވެ. އެ ބޭފުޅުން އެ އިލްމު މުޅިން އެހެން ގޮތަކަށް ބަދަލުކޮށްލެއްވި އެވެ،"  ފޮތް ލިއުއްވި މަގުސަދު ބަޔާންކުރައްވަމުން އައްޑޫ ހިތަދު އަށް އުފަން އުގައިލް ވިދާޅުވި އެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި ދަ ހައުސް އޮފް އަލްޖެބްރާ ފޮތުގައި ގެނެސް ދެއްވީ އެ ބޮޑު ބަދަލުގެ ތަފްސީލެވެ. އެ މަސައްކަތް ކުރެއްވި އިލްމުވެރިންގެ ސީރަތެވެ. 

ސްކިމާ ކޮންފަރެންަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕްރޮފެސަރު ހަސަން އުގައިލް ވާހަކަ ދައްކަވަނީ. -- މިހާރު ފައިލް ފޮޓޯ: ހުސައިން ވަހީދު
ސްކިމާ ކޮންފަރެންަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕްރޮފެސަރު ހަސަން އުގައިލް ވާހަކަ ދައްކަވަނީ. -- މިހާރު ފައިލް ފޮޓޯ: ހުސައިން ވަހީދު

އެފަދަ އެއް އިލްމުވެރިއަކީ ނިޒާމީ ގޮތެއްގައި ތަރުރީބު ކުރައްވާފައިވާ، ހިސާބު އިލްމުގެ މައިގަނޑު އެއް ބައި ކަމަށްވާ އަލްޖެބްެރާ އަށް އެ ބޭފުޅެއްގެ ނަމުން ނަން ލިބިފައިވާ ޚަވާރިޒަމީ އެވެ. ޑިޖިޓަލް ޒަމާނުގެ އަތްމަތީ ނަމަކަށް ވެފައިވާ އަލްގޮރިދަމްއަކީ ވެސް ޚަވާރިޒަމީގެ ނަމުން ނެެރެފައިވާ މަފްހޫމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"[މި ފޮތުގައި ގެނެސްދީފައި ވާނީ] ހުޅަނގުން ޅެންވެރިއެއްގެ ގޮތުގައި ޒިކުރާ ކުރާ އުމަރު ޚައްޔާމް ޖިއޮމެޓްރީއާ އެކު ކިއުބިކް އީކުއޭޝަންތައް ހޭނުއްވި ގޮތުގެ ވާހަކަ އެވެ،" އިސްލާމީ އިލްމުވެރިންނަށް ހުޅަނގުން ހައްގު މަގާމު ނުދިންކަން ޕްރޮފެސަރު ފާހަގަކުރައްވާ މިންވަރު މި އިބާރާތުން ފެނެ އެވެ.

ބިމުގެ ބޮޑުމިން މިންކުރައްވަން އަލް ބައިރޫނީ ކުރެއްވި މަސައްކަތްތަކުގެ ތަފްސީލު ވެސް އުގައިލްގެ ފޮތުގައި ބަޔާންކުރައްވާފައިވެ އެވެ.

އެ ހިސާބުކުރުންތަކަށް ޔޫރަޕުން ގޮންޖަހައި ނުލެވޭހާ ސީދާ ހިސާބުތަކެއް ޖެއްސެވި އަލް ޚާޝީގެ ތާރީހު ވެސް އެއް ފޮތަކުން ކިޔައިލެވޭނެ ފޮތަކަށް އުގައިލްގެ ދަ ހައުސް އޮފް އަލްޖެބްރާ ވާނެ އެވެ. ހަަމައެކަނި މި އިލްމުވެރިންގެ ސީރަތެއް ވެސް ނޫނެވެ. އެ ފެންވަރުގެ މަސައްކަތްތަކެއް ކުރައްވަން އެ ބޭފުޅުންނަށް ފަހި މާހައުލެއް ގާއިމްކޮށްދިން ޝަހަރުތަކުގެ ތާރީހު ވެސް ހަމަ މިފޮތުގައިވެ އެވެ. ބަޣުދާދުގެ "ބައިތުލް ހިކްމާ"ގެ ތާރީހު ވެސް މެ އެވެ.

އެ ހުރިހާ މަސައްކަތްތަކެއް އަރަބި ބަހުން ލެޓިން ބަހަށް ތަރުޖަމާކުރުމުގެ ހަރަކާތުގެ ތަފްސީލަކީ މި ފޮތަށް ޝައުގުވެރިކަން އިތުރުވާނެ ކަމެކެވެ. އުގައިލް ލިޔުއްވާފައިވާ ގޮތުގައި އެއީ ތާރީހުގެ ތެރެއިން ހަނދާން ނެތުމާ ގާތްވެފައިވާ ބާބެކެވެ.

އުގައިލްގެ މި ފޮތް އެމޭޒަން އިން މިހާރު ގަންނަން ލިބޭނެ އެވެ. އަގަކީ 18 ޑޮލަރު (277.56ރ.) އެވެ.