ޑިޖިޓަލް ޓެކްނޮލޮޖީ އަދި އޭއައި އިން ޓޫރިޒަމް އިންޑަސްޓްރީއަށް ބަދަލުތައް ގެންނައިރު އާ އީޖާދުތައް ތައާރަފްކޮށް އިސްނަގައިގެން ކުރިއަށް ދާންޖެހޭ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި މެސެޖުގައި ވިދާޅުވީ އީޖާދީ ކަންކަން ބަލައިގަނެ، އެ ހުނަރުތަކަށް އިންވެސްޓްކޮށް އަދި ޑިޖިޓަލް ހައްލުތަކުގެ ބޭނުން ހިފައިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ވަރުގަދަކޮށް ޓޫރިސްޓުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރަން އިސްކަންދޭ ކަމަށެވެ.

ރާއްޖެއަށް ހާއްސަ ގުދުރަތީ މި ރީތިކަމާއި އަމިއްލަވަންތަކަން އަދި  މެހުމާންދާރީ ދަމަހައްޓަމުން ޑިޖިޓަލް ޒަމާނުގެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާއަކީ އާއްމު ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމާއި ރާއްޖޭގެ ރަށްރަށުގައި އެތައް ފުރުސަތުތަކެއް ފަހިކޮށް އަދި ރާއްޖޭގެ އެކި ތަންތަނަށް ޒިޔާރަތްކުރި އެތައް މިލިއަން ޓޫރިސްޓުންނާއި ދިވެހިންގެ ދެމެދު އޮތް ގުޅުން ބަދަހިކޮށްދިން މައި ބާރު ކަމަށެވެ.

ޓޫރިސްޓުން މަންޒިލްތައް ހޯދައި ދެނެގަތުމާއި ދަތުރުތައް ރޭވުން އަދި ޓޫރިސްޓުންގެ ތަޖުރިބާތައް ލިބޭ ގޮތް ބަދަލުކޮށްލުމުގައި ޑިޖިޓަލް އަދި އޭއައިގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމް އަންނަ ބޮޑެތި ބަދަލުތައް ރައީސް ފާހަގަކުރެއްވި އެވެ.