ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 50 ޕަސެންޓް ފްލެޓަށް ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ޒުހައިރު ވިދާޅުވީ އެޗްޑީސީން ބަލަހައްޓައި މެނޭޖްކުރާ 12،000 އަށް ވުރެ ގިނަ ފްލެޓު އެބަ ހުރިކަމަށާއި އޭގެ ތެރެއިން 50 ޕަސެންޓް ފްލެޓުގައި މީހުން ދިރިއުޅެމުން އަންނަނީ ކުލި ނުދައްކާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ބާރަ ހާހަށް ވުރެ ގިނަ ފްލެޓު ބަލަހައްޓަމުންދާ ބައެއް. ކުލި ނުލިބޭ ފަސެންޓޭޖަށް ބަލާކަމަށްވަންޏާމުން 50 ޕަސެންޓަކީ އެކި ކަހަލަ ކަންތައްތައް ދިމާވެގެން، އެ މީހުންނަށް މާލީ ހާލަތު ދިމާވެގެން ކުލި ނުދައްކާ އުޅޭ 50 ޕަސެންޓް،" ޒުހައިރު ވިދާޅުވި އެވެ.
އެޗްޑީސީން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި އޭރު ގެނައި ބަދަލަކާ އެކު، ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިހެއް ފޮނުވަން ވަނީ ފަށައިފަ އެވެ. އެއީ ކުލި ދައްކަން ނަސޭހަތް ދީ ފޮނުވާ "ޕޭމަންޓް އެޑްވައިސް" ނޯޓިސްއެއް ކަމަށް ބުނެފައިވެ އެވެ.
ހުޅުމާލޭގެ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންގެ ތެރޭގައި ފްލެޓުތަކަށް ވަން ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ މީހުންނާއި ގަވާއިދުން ކުލި ނުދައްކާ މީހުން ވެސް ހިމެނެ އެވެ.
ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެޗްޑީސީން "ސަން" އަށް މިދިޔަ އަހަރުގެ މެއި މަހު ދީފައިވާ މައުލޫމާތުގައިވެ އެވެ.
ޒުހައިރު ވިދާޅުވީ ފްލެޓުތައް ކުއްޔަށްދޭތޯ ބެލުމުގެ މަސައްކަތް ވެސް އެޗްޑީސީން ކުރާ ކަމަށެވެ. މިހާތަނަށް ހިޔާގެ ހުރިހާ ފްލެޓަކަށް ޒިޔާރާތްކޮށް އެތަންތަން ވެސް ބަލާފައިވާ ކަމަށާއި އެންމެ ފުރަތަމަ އިސްކަންދީފައި ވަނީ އެތަނުގައި އުޅޭ ބޭރު މީހުން ނެރުމަށް ފްލެޓުގެ ވެރިފަރާތަށް އެންގުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، ވެރިފަރާތަށް ސިޓީ ފޮނުވައި އެކަން އަންގަމުން އަންނަ ކަމަށެވެ.