ހަރުދަނާ ޝަހްސިއްޔަތަކަށް މީހާ ވަނީ އެ މީހަކަށް ލިބިފައިވާ އިލްމާއި ހުނަރުތަކުން އެކަނި ނޫން ކަމަށާއި ހަރުދަނާ މީހަކަށްވާނީ އެ މީހަކަށް ލިބިފައިވާ އިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އިންތިޒާމުކޮށްގެން އައްޑޫގައި ކުރިއަށް ގެންދާ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ އެ ފަދަ މުބާރާތްތަކުން ދަރިވަރުގެ ކިބައިގައި އަށަގަންނުވައިދެނީ ޝަހުސިއްޔަތެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތަކެއް ކަމަށެވެ. 

ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ވެސް އެފަދަ މުބާރާތްތަކުން ދަސްކޮށްދޭކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ ތެދުވެރިކަމުގެ މާތް ސިފަ އާއި ތެދު މައުލޫމާތާއި އިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ އެތައް ކަމެއް ދަރިވަރުންގެ ކިބައިގައި އަށަގަންދާނެ ކަމަށެވެ.

އަދި ގައުމުގެ މުސްތަގުބަލު އުޖާލާވެ ހަރުދަނާ ދިވެހި ދަރިންތަކެއް ވެސް މިފަދަ މުބާރާތްތަކުގެ ސަބަބުން އުފެދިގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަދަލުވަމުންދާ ދުނިޔެއަށް ދަރިން ތަރުބިއްޔަތު ކުރަންޖެހޭއިރު ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ އުސޫލުތަކަށް ބަދަލު އައި ނަމަވެސް ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖްތަމައުގައި ވަކިން ބޭނުންތެރި ކަމެކެވެ.