ރާއްޖޭގައި ގިނައިން ވިއްކަން ހުންނަނީ ސިއްހީ ފައިދާތައް އިލްމީ ގޮތުނަ ކަށަވަރުނުކުރެވޭ ކާބޯތަކެތި ކަމަށް އެމްއެފްޑީއޭއިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ އެތައް މަންފާއެއް ލިބޭކަން ދޭހަވާ ގޮތަށް ރާއްޖޭގައި އުފައްދާ އަދި ވިއްކާ ބައެއް ބާވަތްތައް އިޝްތިހާރުކުރާއިރު، ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓްރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް ބޭނުންކުރަމުންދާ ކަމަށެވެ.

ނަމަވެސް، ކާބޯތަކެތި އިޝްތިހާރުކުރާއިރު ލެބޯޓްރީއަކުން ދޫކޮށްފައިވާ ރިޕޯޓެއް ނޫނީ ލިޔުމެއް ބޭނުންކުރުމަކީ ގަވައިދުން މަނާކަމެއް ކަމަށް ބުންޏެވެ. 

ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ހާއްސަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް އުފެއްދުންތައް މާކެޓުނުކުރަން ވެސް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފައިވެ އެވެ. 

"ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މައުލޫމާތަކީ އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހެ އެވެ. ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މި ފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްހީ ފައިދާ އިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ފާހަގަކުރެވެ އެވެ،" ބަޔާނުގައިވެ އެވެ. 

އެހެންވެ، އެ އޮތޯރިޓީން ވަނީ އެގޮތަށް ހުންނަ ތަކެތި ބޭނުންކުރާއިރު އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.