ގދ. ރަތަފަންދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދޯނިގިއްލާގެ ފަޅުތެރޭގައި މެރިކަލްޗާ ޕްރޮޖެކްޓެއް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ. 

ރަތަފަންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދޯނިގިއްލާ ފަޅުތެރޭގައި މެރިކަލްޗާ ޕްރޮޖެކްޓެއް ހިންގުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައި ވަނީ މެރިކަލްޗާ ޕްރޮޖެކްޓްތައް ހިންގުމަށް ބައެެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާތީ ހަމަހަމަ ފުރުސަތެއްދީ އެންމެނަށް އެކަށީގެންވާ ފުރުސަތު ދިނުމަށް ކަމަށެވެ. 

ކައުންސިލުން ބުނީ އެކަމަށް ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން އެ އިދާރާ ވަޑައިގެން ނުވަތަ މެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ފަހު އަންނަ މަހުގެ 5 ވަަނަ ދުވަހާ ހަމައަށް އަންދާސީ ހިސާބު ހުށަހަޅޭނެ ކަމަށެވެ. 

ރަތަފަންދޫ ކައުންސިލުން ބުނީ ފަޅުތެރޭގައި އެ މަސައްކަތްކުރުމަށް އެދޭ މުއްދަތާއި މަސައްކަތުގެ ތަޖުރިބާ ހުރިކަމުގެ ލިޔުންތަކާއި އެ މަސައްކަތުގެ ކުލީގެ ގޮތުގައި ކައުންސިލަށް މަހުން މަހަށް ދެއްކުމަށް ހުށަހަޅާ އަގު ފަދަ މައުލޫމާތާއި ލިޔުންތައް ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ކަމަށެވެ. އަގު ހުށަހަޅާއިރު ހުށަހަޅަން ޖެހެނީ އެ ރަށު ކައުންސިލުން ފާސްކޮށްފައިވާ އެންމެ ކުޑަ އަގު 0.25 ރުފިޔާ އަށްވުރެ ކުޑަ ނުވާނޭގޮތަށް ކަމަށް ވެސް އިއުލާނުގައި ބުންޏެވެ. 

އެކަމާ ގުޅޭ ލިޔުންތައް ބަލައިގަންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ 11:00 ގައި އެ އިދާރާގަ އެވެ. 

ކައުންސިލުން ބުނި ގޮތުގައި މެރިކަލްޗާ ފާމަށް ހުއްދަ ދިނުމުގައި ކައުންސިލުން އިސްކަންދޭނީ އެންމެ އެކަށީގެންވާ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކާއި ދިގު މުއްދަތަކަށް އެ މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.