ރާއްޖެއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދިޔަ ދެ މީހެއްގެ ހަށިގަނޑުތެރޭ ފޮރުވައިގެން ގެންދިޔަ ގިނަ އަދަދެއްގެ ރަން އަތުލައިގެންފި އެވެ. 

ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) އިން މިމަހުގެ 18 ވަނަ ދުވަހު އަތުލައިގަތް ރަނުގެ ބަރުދަނުގައި 2.73 ކިލޯ ހުއްޓެވެ. އޭގެ މަގުމަތީ އަގަކީ 4 ކްރޯޑް ޓާކާ (ގާތްގަނޑަކަށް 5 މިލިއަން ދިވެހި ރުފިޔާ) އެވެ.  

ބަންގްލަދޭޝްގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެ ދެމީހުން ހިފަހައްޓައި ބަލައިފާސްކުރިއިރު އެމީހުންނަކީ ޔޫއެސް-ބަންގްލާ އެއާލައިނުގެ ފްލައިޓަކުން ރާއްޖެއިން ޑާކާއަށް ދިޔަ އެ ގައުމުގެ ދެ މީހުންނެވެ. 

ރިޕޯޓުތައް ބުނާ ގޮތުގައި މުހައްމަދު ސުލައިމާނާއި ޖޮބައިދު އަހުމަދު ކިޔާ އެ ދެމީހުން ރަން އެތެރެކުރަން އުޅުނީ ރަނުގެ ޕޭސްޓް ބޭނުންކޮށްގެން ބިހުގެ ބައްޓަމަށް ހަދައިގެން އެމީހުންގެ ފުރަގަސްފަރާތުގައި ފޮރުވައިގެންނެވެ. މިއިން ކޮންމެ މީހެއްގެ ހަށިގަނޑުން މީގެ ތިން ގަނޑު ރަން ނަގާފައިވާ ކަމަށް އެ ގައުމުގެ ކަސްޓަމްސްގެ އޮފިޝަލުން ބުނެފައިވެ އެވެ. 

ކަސްޓަމްސް އިން ބުނީ ރަން ސްމަގުލް ކުރުން ހުއްޓުވުމުގެ ގޮތުން ވަރަށް ގާތުން މޮނިޓާކޮށް، އެކަމުގެ ރިސްކް އޮތް ފަސިންޖަރުން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. 

ރާއްޖެއިން ބަންގްލަދޭޝް އަށް ދިޔަ ދެ މީހެއްގެ އަތުން ގިނަ އަދަދެއްގެ ރަން އަތުލައިގަތްއިރު އެ ދުވަހުގެ ހެނދުނު ވަނީ އަބޫދާބީ އިން ޝާހް އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގްލަދޭޝް މީހެއްގެ އަތުން ވެސް ރަނުގެ ބާތަކެއް އަތުލައިގެންފަ އެވެ. އެ އެއްޗެހި ހުރީ ކައްކަން ގެންގުޅޭ ތަވައަކާއި ތަރުކާރީ ގާނަން ބޭނުންކުރާ އެއްޗެއްގައި ފޮރުވައިފަ އެވެ.