ކ. މާފުއްޓާށް ޒިޔާރަތްކުރި ޓޫރިސްޓަކު އެ ރަށުގެ މިސްކިތްތައް މަރާމާތުކުރަން އެހީ ދީފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ ޝަމްއޫން "މިހާރު"އަށް ވިދާޅުވީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން މާފުއްޓަށް އަލަށް ޒިޔާރަތްކުރި ތުރުކީގެ މުސްލިމެއް ކަމަށްވާ ފުންދާ އޮޒްކުޗޫ، އެ ރަށަށް އެހީދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ. 

އެގޮތުން، މިސްކިތްތައް މަރާމާތުކުރަން އެހީ ދޭން ނިންމައި އެ ފައިސާ ކައުންސިލާ ހަވާލުކުރުމަށް ފަހު އޭނާ ވަނީ ފުރައިފަ އެވެ. 

ޝަމްއޫން ވިދާޅުވީ އެ ފައިސާ ބޭނުންކުރާނީ ރަށުގައި ހުންނަ ތިން މިސްކިތުގެ ކަރަންޓު މައްސަލަ ހައްލުކުރުން ފަދަ މަސައްކަތްތަކަށް ކަމަށެވެ. 

"މިސްކިތުގައި ނުކުރެވި ހުރި ކަންކަމަށް އެ ފައިސާ ހަރަދުކުރާނީ." ޝަމްއޫން ވިދާޅުވި އެވެ. 

ރާއްޖޭގައި އެންމެ ފުރަތަމަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ރަށަށް ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ. 

ކައުންސިލުން ބުނީ ޓޫރިސްޓުން ރަށުގެ އެކި ކަންކަމަށް މީގެ ކުރިން ވެސް އެގޮތަށް އެހީދީފައިވާ ކަމަށެވެ.