މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ މެމްބަރު ކަަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުން މެމްބަރުން ކަނޑައަޅާ އެ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލީ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުޝަތު އިސްތިއުފާ ދެއްވުމުންނެވެ. 

މިދިޔަ އަހަރުގެ ފަހުކޮޅު އުފެއްދި ކޮމިޝަނުގެ މެމްބަރުކަމުގެ ޝަރުތަކީ އުމުރުން 30 އަހަރުވެފައިވުމާއި ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކަށްވުމެވެ. 

ޝަރުތުތަކުގެ ތެރޭގައި، މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވުމާއި އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުމުގެ އިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން ވެސް ހިމެނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ފަދަ ޝަރުތުތައް ހިމެނެ އެވެ. 

މަގާމުގެ އިތުރު ޝަރުތު: 

  • މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން. 
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން. 
  • ހިޔާނާތާއި ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން. 
  • ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން. 

އެ ކޮމިޝަނަށް އައްޔަންކުރެވޭ މެމްބަރުން މަގާމުގައި ދެމިތިބޭނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އަދި މެމްބަރު ކަމަށް އައްޔަންކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް ދެ ދައުރަށް ވުރެ ގިނަ ދުވަހު މެމްބަރުކަމުގައި ނުހުރެވޭނެ އެވެ. 

އެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގްރާރު އަދި ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރުގެ އިތުރުން ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހަޅަން ޖެހެ އެވެ. 

މީޑިއާ ކޮމިޝަން އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މެމްބަރު ކަމަށް ކުރިމަތިލިއިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.

އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ކުރީގެ ރައީސް ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.