"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ބާއްވާ ހެލްތު އެންޑް ފެމެލީ އެކްސްޕޯ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.
ސިއްހީ އަދި އިޖުތިމާއީ ގިނަ މައުލޫމާތު އެއްތަނަކުން އާއްމުންނަށް ފޯރުކޮށްދޭން، ހުޅުމާލެ ސެންޓްރަލް ޕާކުގައި ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެކްސްޕޯ ފެށީ މިއަދު ހަވީރު އެވެ.
އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ވަނީ ސްޓޯލްތައް ބައްލަވާލައްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ، ވޭތުވެދިޔަ ތިން އަހަރު ސިއްހީ ދާއިރާއިން ކުރެވުނު މަސައްކަތްތަކާއި ހާސިލްކުރެވުނު ލަނޑުދަނޑިތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހަފުތާ 156" ފޮތް ނެރެދެއްވައިފަ އެވެ.
އެކްސްޕޯ ފަށަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ އެކްސްޕޯގެ ބޭނުމަކީ ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގައި ބައިވެރިވާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދައްކާލުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ހެޔޮ ބަދަލުތައް ގެންނަން މިވަނީ މަޖުބޫރުވެފައި. ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލުވުން ފަދަ ކަންކަމަކީ އާންމު ދިރިއުޅުމުގެ ބައެއް ކަމަށް ހަދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އިތުރުން އަތޮޅު ތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް ހިމެނޭހެން 60 އަށް ވުރެ ގިނަ ސްޓޯލް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އެކްސްޕޯ އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ހެލްތު އެކްސްޕޯ ބާއްވާ މިއީ ތިން ވަނަ ފަހަރު ނަމަވެސް މިފަހަރުގެ ސްޓޯލްތައް އިތުރު ވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ގީލާ ވިދާޅުވި އެވެ.
އެކްސްޕޯގައި ހިމެނޭ ކަންކަން
- މުއައްސަސާތަކާ ގުޅޭ ޝަކުވާތައް ބަލައިގަނެ، ޖަވާބުދާރީވުމުގެ ފުރުސަތު
- އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެކްސްޕޯގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކުގެ ގޮތުގައި ހެލްތު ޗެކަޕް ހެދުން
- މިންހެޔޮ ކާނާ އާއި ކުދިންގެ ހެދިބޮޑުވުމާ ގުޅޭ މައުލޫމާތު ދިނުން
- ވެކްސިން އަދި ސިއްހީ މައުލޫމާތު ފޯރުކޮށްދިނުން
- މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް
- ބިދޭސީންނަށް ހާއްސަކޮށް ސިއްހަތާ ގުޅޭ މައުލޫމާތާއި ހެލްތު ސްކްރީނިން
- ޒުވާނުންނަށް ހާއްސަ ހަރަކާތްތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ދިނުން
- ހެލްތީ ފުޑް ސްޓޯލްތަކާއެކު ރަނގަޅު ކެއިންބުއިމުގެ އާދަތައް ދަސްކޮށްދިނުން
- މިއުޒިކް ޝޯތަކާއި ބިރުވެރި ހޮހޮޅަ ފަދަ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް
ދުޅަހެޔޮ ޖީލެއް ބިނާކުރަން އާންމުންގެ ހޭލުންތެރިކުރަން ހެލްތު މިނިސްޓްރީން މިދިޔަ އަހަރު ވެސް "ހެލްތު އެކްސްޕޯ" ބޭއްވި އެވެ. އެ އެކްސްޕޯއަށް ދުވާލަކު 10،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށް މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވި އެވެ.