ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުހަބާ ކިޔަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ހާދިސާއަށް ތިން ގަރުނު ފުރެން ކައިރިވިއިރު މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި، އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތާ މި ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށެވެ.
ތާރީހުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަގުބަލުގެ މޫނު އުޖާލާކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ގައުމީ އިހުލާސްތެރިކަން ނެރެން ޖެހޭ ކަމަށެވެ. އަދި ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ގައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުހަބާ ކިޔަން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ހުރަވީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ހިޖުރީ ގޮތުން ޖުމާދަލްއާހިރާ މަހުގެ 3 ވަނަ ދުވަހު އެވެ.
މި ދުވަހަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމަށް ގައުމީ ބަތަލު ދޮންބަންޑާރައިން ގާޒީ ހަސަން އިއްޒުއްދީން ހުރަވީ ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ރާއްޖޭގައި ރަސްމީގޮތުން އެންމެ ފުރަތަމަ ހުރަވީ ދުވަސް ފާހަގަކުރަން ފެށީ އޭޕްރިން 18، 1980 ގަ އެވެ.