ސިނެޓެކްސް އިންކްއިން އެ ކުންފުނީގެ ކޯޕަރޭޓް ވެބްސައިޓު އަލުން ލޯންޗުކޮށްފި އެވެ.
މިއީ ފިންލެންޑުގައި ބާއްވާ ސްލަޝް 2026 ގައި އެ ކުންފުނިން ބައިވެރިވުމުގެ ކުރިން، ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކާއި ސައިބާ ސެކިއުރިޓީއަށް ހާއްސަކޮށްގެން މޮޑެލްތައް އުފައްދާ ޑީޕް-ޓެކް އޭއައި އިންފްރާސްޓްރަކްޗާ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި އަލުން ތަމްސީލުކުރުމުގެ މަގްސަދުގައި ލޯންޗުކުރި ވެބްސައިޓެކެވެ.
ސިނެޓެކްސް އިންކްއިން ބުނި ގޮތުގައި ދުނިޔޭގައި 7،000 އަށް ވުރެ ގިނަ ބަހުން ވާހަކަ ދައްކާއިރު އިތުބާރު ހުރި އޭއައި ވަސީލަތްތައް އުފެއްދުމަށް ބޭނުންވާ ވަރަށް އޮންލައިން ޑޭޓާ ހުރީ މަދު ބަހެއްގެ އެވެ.
ސިނެޓެކްސް އިން ވަނީ ދިވެހިބަސް ހިމެނޭ ގޮތަށް އެކި ބަސްތަކުން އަޑު ދެނެގަތުމާއި ލިޔުން އަޑަށް ބަދަލުކުރުމާއި ތަރުޖަމާކުރުމާއި އަދި ސްކޭންކޮށްފައިވާ ލިޔުންތައް ކިޔައިދޭ މޮޑެލްތައް ތަރައްގީކޮށްފަ އެވެ. ދިވެހިބަހުގައި ބޭނުންކުރެވޭ ފަދަ ޓްރެއިނިން ޑޭޓާ މަދުވުމުގެ ސަބަބުން، ސިނެޓެކްސް އިން ވަނީ ޑޭޓާ ސާފުކުރުމަށާއި އޭގެ ޓްރެއިނިން ޕައިޕްލައިން އޮޓޮމޭޓް ކުރުމަށް އަމިއްލަ ޓޫލްތަކެއް އުފައްދައިފަ އެވެ.
އެ ކުންފުނިން ރާވާފައިވަނީ މި ޓޫލްތައް ބޭނުންކޮށްގެން އިތުރު ބަސްތައް ހިމަނައި، ދުނިޔޭގެ ފެންވަރުގައި ކުރިއަށް ވުރެ ހަލުވިކަމާއެކު ހިދުމަތް ފުޅާކުރުމަށެވެ.
"އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ހުރަހަކީ، އަޅުގަނޑުމެން އުފައްދާފައިވާ އެއްޗެއް ބެލުމުގެ ކުރިން، އަޅުގަނޑުމެން ނިސްބަތްވާ ގައުމަށް ބަލައި މީހުން ގޮތް ނިންމުން،" ސިނެޓެކްސްގެ ކޯ-ފައުންޑަރު އަދި ސީއީއޯ އިސްމާއިލް ކަލީމް ވިދާޅުވި އެވެ.
"ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް، އަދި ދިވެހިބަހަކީ ޑިޖިޓަލް ފިޔަވަޅުތައް މަދު، ލިބެން ހުރި ޑޭޓާ ނިސްބަތުން ވަރަށް މަދު، ވަސީލަތްތައް އިންތިހާއަށް މަދު ބަހެއް. މިއަށް އޭއައި ބިނާކުރުމަކީ ވަރަށް އުނދަގޫވި ކަމެއް. އަދި އެހެން ބަސްތަކަށް މޮޑެލްތައް ތަރައްގީކޮށް ފުޅާކުރުމަށް އަޅުގަނޑުމެންނަށް ބޭނުންވަނީ ހަމަ މި ތަޖުރިބާ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދިވެހިވަންތަކަން ހިފަހައްޓަމުން، މިފަދަ ދަތިތަކާ ކުރިމަތިލާ އެހެން މުޖުތަމައުތަކަށް ވެސް ތާނަ އޭއައި ފޯރުކޮށްދިނުމަށް،"
ސިނެޓެކްސްގެ ދިވެހި އަދި އިނގިރޭސި އޭއައި އެސިސްޓެންޓު ކަމުގައިވާ ތާނަ އޭއައި އާންމުންނަށް ބޭނުންކުރަން ހުޅުވާލީ މި އަހަރުގެ އޮގަސްޓް ހިސާބުގަ އެވެ. އެ ހިދުމަތް އާންމުންނަށް ލިބެނީ ކޯޕަރޭޓް އަގަށް ވުރެ 95 ޕަސަންޓް ކުޑަކޮށެވެ.
އެ ކުންފުނިން ބުނީ އެގޮތަށް ނިންމީ ދިވެހި އޭއައި އާންމުންނަށް ފަސޭހައިން އަތްފޯރާ އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ސްމާޓްފޯނުތައް މެދުވެރިކޮށް އެ އެސިސްޓެންޓް ގެނެސްދިނުމަށް މޯބައިލް އެޕެއް ލޯންޗުކުރުމުގެ ތައްޔާރީތައް ވެސް އެ ކުންފުނިން ވަމުން އަންނަ ކަމަށް ބުންޏެެވެ.
އެ ޓެކްނޮލޮޖީ ތަރައްގީކޮށް، އިންޓެލެކްޗުއަލް ޕްރޮޕަޓީ ހިފަހައްޓަނީ ސިނެޓެކްސް އިންކް އެވެ. ރާއްޖޭގައި ތާނަ.އޭއައި ފޯރުކޮށްދޭ ލޯކަލް ޑިސްޓްރިބިއުޓަރަކީ ތާނަ އޭއައި ޕްރައިވެޓް ލިމިޓެޑެވެ.
އެ މަސައްކަތްތަކަށް ފަހު މިހާރު އެ ކުންފުނިން މިސްރާބު ޖަހާފައި ވަނީ އެޖެންޓިކް އޭއައި އަށެވެ. މި މަހުގެ ފަހުކޮޅު، އެ ކުންފުނިން ރާއްޖެ އާއި ދުނިޔޭގެ ބާޒާރަށް އަކީމާ އޭއައި (Akema.ai) ނެރޭނެ އެވެ. އަކީމާ އޭއައި އަކީ ކުންފުންޏެއްގެ އަމިއްލަ ލިޔެކިޔުންތަކުން ދަސްކޮށް، ވެބްސައިޓް ޗެޓާއި ފޯނު މެދުވެރިކޮށް 50 އަށް ވުރެ ގިނަ ބަހުން ކަސްޓަމަރުންނަށް ޖަވާބުދޭ އޭއައި ކަސްޓަމާ ސަޕޯޓް އޭޖެންޓެކެވެ. އަދި އިންސާނެއްގެ ވިސްނުން ބޭނުންވާ ސުވާލެއް ކުރިމަތިވެއްޖެނަމަ، އެކަން ސްޓާފުންނާ ހަވާލުކުރާނެ އެވެ. އަކީމާ ބާޒާރަށް ނެރުމަށް ސިނެޓެކްސް އިން މިހާރު ދަނީ ޗެނަލް ޕާޓްނާ ނެޓްވޯކެއް ތައްޔާރުކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެެ.
ސައިބާ ސެކިއުރިޓީގެ ދާއިރާ އިން ސިނެޓެކްސް އިން ދަނީ ޕްރޮމްޕްޓް އިންޖެކްޝަން ފަދަ ނުރައްކާތައް ނުވަތަ އޭއައި ރިކުއެސްޓުތަކުގައި ހިމެނޭ ނާޒުކު މައުލޫމާތުތައް ދެނެގުމަށް ހާއްސަ މޮޑެލްތައް އުފައްދަމުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މޮޑެލްތަކަކީ ގަވާނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮމްޕްލަޔަންސްއަށް ހާއްސަކޮށް ސިނެޓެކްސް އިން ތައްޔާރުކޮށްފައިވާ އެންޓަޕްރައިޒް އޭއައި ކޮންޓްރޯލް ޕްލޭން، "ވޯޑެން" ހިންގުމަށް އެހީތެރިވެދޭ މޮޑެލްތަކެކެވެ.
ވޯޑެން ފަރުމާކޮށްފައިވަނީ ހުއްދަދެވިފައިވާ ދާއިރާއިން ބޭރުން ބޭނުންކުރާ އޭއައި ޓޫލްތައް ދެނެގަތުމާއި އޭއައި މެދުވެރިކޮށް އަޅަން ނިންމާ ފިޔަވަޅުތައް އެޅުމުގެ ކުރިން އެކަންކަން މުއައްސަސާގެ ސިޔާސަތުތަކާ އެއްގޮތްވޭތޯ ބެލުމާއި އަދި އޮޑިޓްކުރުމާއި އިންސާނުން އަލުން ބެލުމަށްޓަކާ އެ ނިންމުންތައް ރެކޯޑުކޮށް ބެލެހެއްޓުމަށެވެ.
ނާޒުކު ޒާތީ މަޢުލޫމާތުތައް ރައްކާތެރިކުރުމާއި ހެކިތައް އޭއައި ގަވަނަންސް އޮނިގަނޑުތަކާ ގުޅުވައިދިނުމާއި އޭއައި ބޭނުންކުރާ މިންވަރާއި އެކަމަށް ކުރެވޭ ހޭދަ މެނޭޖުކުރުމަށްވެސް މި ބޭނުންކުުރެވޭނެ އެވެ.
ދައުވާކުރުމުގެ މަރުހަލާތަކުގައި އޭއައި ބޭނުންކުރެވޭ ގޮތް ބެލެހެއްޓުމަށްޓަކާ ޕީޖީއޯ 2.0 ގެ ދަށުން ދިވެހިރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މިހާރު ދަނީ ވޯޑެން ގާއިމުކުރެވެމުންނެވެ. އެ މަސައްކަތުގެ ކޮންޓްރެކްޓް ހަވާލުކުރެވިފައިވަނީ ރާއްޖޭގައި ސިނެޓެކްސްގެ ޑިސްޓްރިބިއުޓަރެއް ކަމަށްވާ ތާނަ އޭއައި ޕްރައިވެޓް ލިމިޓެޑާ އެވެ.
ރަސްމީކޮށް އެ ޓޫލް ލޯންޗުކުރުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޭޕްރީލްގަ އެވެ. އޭގެ ކުރިން އާލީ އެކްސެސް މެދުވެރިކޮށް ވާޑަން މިހާރު ލިބޭނެ އެވެ.
ސިނެޓެކްސް ދުނިޔޭގެ ފެންވަރުގައި ފުޅާކުރުމަށް ތައްޔާރުވަމުން އަންނައިރު އިންވެސްޓަރުންނާއި ޕާޓްނަރުންނާ ބައްދަލުކުރުމަށް އެ ކުންފުނީގެ ވެރިންގެ ގޮތުގައި ހިމެނޭ އިސްމާއިލް ކަލީމާއި މުހައްމަދު ދާރިސް އިލްޔާސް އަދި މުހައްމަދު ޖިނާސް، ފިންލޭންޑްގެ ހެލްސިންކީގައި މި މަހުގެ 18 އިން 19 އަށް އޮންނަ ސްލަޝް 2026 ގައި ބައިވެރިވާނެ އެވެ.
ވެންޗާ ކެޕިޓަލްގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ސިފަކުރާ ސްލަޝް އަކީ، ދުނިޔޭގައި ކުރިއަރާފައިވާ ވެންޗާ ކެޕިޓަލް ފާމްތައް ހިމެނޭހެން، އެތައް ހާސް ފައުންޑަރުންނާއި އިންވެސްޓަރުން އެއްތަނަކަށް ޖަމާވާނެ އިވެންޓެކެވެ.
ސްލަޝްގައި ބައިވެރިވާ އިންވެސްޓަރުންނާއި ޕާޓްނަރުންނަށް [email protected] އަށް އީމެއިލް ކޮށްގެން ފައުންޑަރުންނާ ބައްދަލުވުމުގެ ފުރުސަތު ހަމަޖެއްސޭނެ އެވެ.