ދިވެހިރާއްޖޭގެ ފުރަތަމަ މެރިން އިންޖިނަރު، އަދި ރާއްޖޭގެ ތަރައްގީ އަށް މިދިޔަ ގަރުނުގައި އަގުހުރި، ތާރީހީ މަސައްކަތްތަކެއް ކުރައްވާފައިވާ އަހުމަދު އާދަމް (ހިކަރީ) ގެ ބަޔޯގްރަފީ ނެރެފި އެވެ.

މި ފޮތަށް ދީފައިވާ ނަމަކީ "މެނޭޖަރު" އެވެ. އެއީ 1960ގެ އަހަރުތަކުގައި އޭރުގެ އިލެކްޓްރިކް ޑިޕާޓްމަންޓުގެ މެނޭޖަރުކަން އަހުމަދު އާދަމް ކުރެއްވިއިރުއްސުރެ ފެށިގެން ގިނަ ބަޔަކު އޭނާއާ މުހާތަބުކުރާ ނަމެވެ.

އަހުމަދު އާދަމްގެ ގޭގައި އިއްޔެ ބޭއްވި ކުޑަ ހަފުލާއެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީނެވެ.

މި ފޮތް ނެރެފައިވަނީ ދިވެހި ބަހުންނާއި، އިނގިރޭސި ބަހުން ދެ އެޑިޝަނެއްގެ ގޮތުގަ އެވެ. ފޮތުގެ މުސައްނިފުގެ ނަން ޕަބްލިޝަރު ހާމައެއް ނުކުރެ އެވެ.

މިއީ ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ ފޮތެކެވެ. މި ފޮތް ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ޕަބްލިޝަރު އަންނަނީ ހަމަޖައްސަމުންނެވެ. އޭގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް އެ ފަރާތުން ބުނެ އެވެ.

އަހުމަދު އާދަމަކީ މުހައްމަދު އަމީން ދީދީގެ ދައުރުގައި ރާއްޖޭގެ ރަށްރަށުން ކުދިން މާލެ ގެންނަވައި ކިޔަވައިދެއްވަން ހިންގެވި މަޝްރޫއުގެ ދަށުން ދ. މާއެނބޫދޫ އިން ގެންނެވި ކުއްޖާ އެވެ.

މަޖީދިއްޔާ އިން ކިޔަވާވިދާޅުވުމަށް ފަހު ދެން ވަޑައިގެންނެވީ ސްރީ ލަންކާށެވެ. އެނބުރި ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ސަރުކާރުގެ އާގުބޯޓު "މޯލްޑިވްސް ސްޓާ" ގެ ޖޫނިއާ އިންޖިނޭރަކަށެވެ. އޭގެ ފަހުން އެ ރޮނގުން އިނގިރޭސި ވިލާތުން މަތީ ތައުލީމު ހާސިލްކުރެއްވި އެވެ.

އިލެކްޓްރިކް ޑިޕާޓްމަންޓުގެ މެނޭޖަރުކަމާ ހަވާލުވެވަޑައިގެންނެވީ އޭގެ ފަހުންނެވެ. އެތަނުގައި ހުންނަވައި މަގުމަތީގެ ކަރަންޓު ނަރުތައް ބަދަލުކުރައްވައި، މާލޭގެ ކަރަންޓަށް ޒަމާނީ ބަދަލު ގެންނެވި އެވެ.

އަހުމަދު އާދަމަކީ ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު އެޅުވުމުގެ މޭސްތިރިޔާ ވެސް މެ އެވެ. ދޯނިފަހަރު ފަރުމާކޮށްފައިވާ ގޮތުން އިންޖީނު ނޭޅޭނެ ކަމަށް ބޭރުގެ ކޮންސަލްޓަންޓަކު ވިދާޅުވި ނަމަވެސް، އަހުމަދު އާދަމް ވަނީ އެކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވައިފަ އެވެ. އަދި އިންޖީނުގެ އަޑަށް މަސްތައް ފިލާނެ ކަމަށް އޮޑިވެރިންނާއި ކެޔޮޅުން ބުނި ނަމަވެސް، އިންޖީނު އަޅައިގެން ޓެސްޓު ދަތުރުކޮށް، އެ މީހުންގެ އިތުބާރު ވެސް ހޯއްދެއްވި އެވެ.

އަހުމަދު އާދަމް (ވ) އަށް 2019 ވަނަ އަހަރު ރައީސް ސޯލިހު އިއްޒަތް އަރުވަނީ. -- ފޮޓޯ: ރައީސް އޮފީސް
އަހުމަދު އާދަމް (ވ) އަށް 2019 ވަނަ އަހަރު ރައީސް ސޯލިހު އިއްޒަތް އަރުވަނީ. -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ޓީވީ މޯލްޑިވްސްގެ ހިދުމަތްދޭން އެންޓެނާ ޖަހަން އޮތް ބިމަކީ ހިއްކާފައި އޮތް ޗަސްބިމަކަށް ވުމުން އެކަން ނުވާނެ ކަމަށް ބުނެފައި އޮއްވާ ވެސް އަހުމަދު އާދަމް އެކަން ވެސް ކާމިޔާބުކަމާއެކު ކުރެއްވި އެވެ. ކެރޭނު ނެތް އެ ދުވަސްވަރު އެކަން ކުރެއްވީ ސޭލާ ޖަހައިގެން ވަރަށް ބުރަ މަސައްކަތުންނެވެ.

އޭނާ ވަނީ އިނގިރޭސިންގެ ޒަމާނުގައި މާލެއާއި ހުޅުލެއާ ދެމެދު ކަނޑުއަޑީގައި އަޅާފައި އޮތް ކޭބަލަކަށް މައްސަލަ ދިމާވުމުން، ސްކޫބާ ޑައިވިންގެ ފަސޭހަކަން ނެތް އެ ދުވަސްވަރު އެންމެ އިހުގެ ޑައިވިން ހެލްމެޓެއް އަޅުއްވައިގެން ފްރީ ޑައިވެއް ވެސް ކުރައްވައިފަ އެވެ.

މީގެ އިތުރުން، ޅ. ދިއްފުށިމާދޫ ފަރަށް އެރި "ސިޓީ އޮފް ވިކްޓޯރިއާ" އާގުބޯޓު ފުންކުރުމަށް ކުރި ބުރަ މަސައްކަތް ވެސް ފާހަގަކުރެވެ އެވެ. ހުޅުލޭގައި ތާރުއަޅަން ތާރުފީފާތައް ބަރުކޮށްގެން އައި އެ ބޯޓު ފުންކުރަން މަހެއްހާ ދުވަހު ކުރި މަސައްކަތް އިނގިރޭސި ވިލާތުގެ ނޫސްތަކުން ވެސް ފާހަގަކުރި އެވެ.

އަހުމަދު އާދަމަކީ އެމްޓީސީސީގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. އޭނާ ވަނީ އެތަނުގައި ހުންނަވައިގެން، އިންޖީނު މަރާމަތުކުރަން އަތޮޅުތެރޭގައި ޔަންމާ ސެންޓަރުތައް ގާއިމްކުރައްވައިފަ އެވެ. އަދި ދޯނިފަހަރާއި ބޯޓުފަހަރު އެރުވުމާއި، ބޭލުމާއި، މަރާމާތުކުރުމުގެ މަސައްކަތަށް ކ. ގުޅީގައި ސްލިޕްވޭއެއް ހެއްދެވި އެވެ. މީގެ އިތުރުން ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު (ވީޓީސީ) ހުޅުވައި، އޭރު މަގުމައްޗަށް ގިނަވެފައި ތިބި ކުދިން ގެންގޮސް ތަމްރީނުދީ، ގާބިލު އިންޖިނޭރުންތަކެއް ބިނާކުރެއްވި އެވެ.

އަހުމަދު އާދަމަކީ ރާއްޖޭގެ ރިސޯޓް ބިނާކުރުމުގެ މަސައްކަތުގައި ވެސް މުހިންމު ހިއްސާއެއްވި ބޭފުޅެކެވެ. އެގޮތުން ބަނޑޮސް އައިލެންޑް ރިޒޯޓުގެ ފުރަތަމަ މެނޭޖަރަކީ ވެސް އޭނާ ވަނީ އެވެ.

އަހުމަދު އާދަމްގެ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން 2019 ވަނަ އަހަރު ވަނީ އޭނާ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު (ނ.ޢ.ޢ.ވ) އަރުވައިފަ އެވެ. މީގެ އިތުރުން އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމާއި، މިނިވަން 25 ގެ އިނާމު ވެސް ދިނެވެ.