ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ އަދި ޓީއެންޓީގެ ސީރީޒް "ދަ ލާސްޓް ޝިޕް" ގެ އެކްޓަރު އެރިކް ޑޭން ޑިޕްރެޝަނަށް ފަރުވާ ހޯދާ ކަމަށް އޭނާގެ ތަރުޖަމާނު ބުނެފި އެވެ.

އުމުރުން 44 އަހަރުގެ އެކްޓަރުގެ ތަރުޖަމާން ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންތައްތަކާ ފިކުރު ބޮޑުވެ، ޑިޕްރެޝަންގެ ޝިކާރަކަށްވެ، ދާދި ފަހުން "ދަ ލާސްޓް ޝިޕް" ގެ ޝޫޓިން އަށް ވެސް ބުރޫ އެރި ކަމަށެވެ.

"އެހެންވެ އޭނަ ބްރޭކަށް އެދުނީމަ ޕްރޮޑަކްޝަން ޓީމުން ވަނީ އެ ފުރުސަތު ފަހިކޮށް ދީފައި. އޭނާ އަދިވެސް އަންނަނީ ޑިޕްރެޝަނުން އަރައިގަންނަން މަސައްކަތް ކުރަމުން،" ތަރުޖަމާން ބުންޏެވެ. "އެކަމަކު ވަރަށް އަވަހަށް އެނބުރި ސެޓަށް ގޮސް މަސައްކަތް ވެސް ފަށާނެ."

"ދަ ލާސްޓް ޝިޕް" ގެ ހަތަރު ވަނަ ސީޒަން ނިންމާލައި، މިހާރު އަންނަނީ ފަސް ވަނަ ސީޒަން ޝޫޓް ކުރަމުންނެވެ.

ހަތަރު ވަނަ ސީޒަން ދައްކަން ފަށާނީ ކުރިއަށް އިތް ހޫނު މޫސުމުގަ އެވެ.

ދެ ކުދިން ވެސް ލިބުނު ފަހުން ކައިވެނި ވެސް ރޫޅި އަމިއްލަ ދިރިއުޅުމުގައި ދިމާވި ބައެއް ކަންތައްތަކާ ހެދި، ވަރަށް ގިނަ މައްސަލަތަކާ ޑޭން އަށް ކުރިމަތިލާން ޖެހުނެވެ. އެގޮތުން 2011 ގައި މަސްތުވާތަކެތީގެ ވަބާގައި ޖެހި، ރިހެބުން ފަރުވާ ވެސް ހޯދި އެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން "ގްރޭސް އެނަޓޮމީ" އާއި "ޗާމްޑް" ފަދަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރު ބުނީ ކޮންމެ މީހަކަށް ވެސް ގޯސްތައް ހެދޭނެ ކަމަށާއި މަސައްކަތް ކުރަން ވާނީ ރަނގަޅު މިސްރާބަކަށް ދާން ކަމަށެވެ.

"އަހަރެން އަބަދު ވެސް އެންމެ ދެރަވާ ކަމަކީ އަންހެނުންނާ ވަކިވާން ޖެހުނީމަ. އެއީ ވަރަށް ހިތްދަތިވާ ކަމެއް،" ބައެއް ފިލްމްތައް ވެސް ކުޅެފައިވާ ޑޭން ބުންޏެވެ.

އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އެކްސް މެން: ދަ ލާސްޓް ސްޓޭންޑް (2006)، މާލީ އެންޑް މީ (2008) އަދި ވެލެންޓައިންސް ޑޭ (2010) ފާހަގަކޮށްލެވެ އެވެ.