ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯން ސީރީޒް، ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް ދިރާގުން ވިއްކަން ފަށައިފި އެވެ.
ދިރާގުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފޯނު ދޫކުރަމުން އަންނަނީ އެއްކޮށް ފައިސާ ދެއްކި މީހުންނާއި އިންސްޓޯލްމަންޓަށް ފޯނު ގަންނަން ފައިސާ ދެއްކި ކަސްޓަމަރުންނަށް ކަމަށެވެ.
"ވަރަށް ގިނަ ކަސްޓަމަރުންނަށް އިއްޔެ ވަނީ ފޯނު ދޫކޮށްފައި. މިއަދު ވެސް އަޅުގަނޑުމެން މިދަނީ ފޯނު ދޫކުރަމުން. ހީނުކުރާހާ ބޮޑު ތަރުހީބެއް ލިބުނު،" އޭނާ ވިދާޅުވި އެވެ.
ދިރާގުން ސެމްސަންގް ގެލެކްސީ އެސް8 ފޯނު ވިއްކާނީ 13،499ރ. އަށެވެ. އަދި އެސް8 ޕްލަސް ފޯނު ވިއްކާނީ 15،499ރ. އަށެވެ. ދިރާގުން ބުނީ، އެ ކުންފުނި މެދުވެރިކޮށް ފޯނު ގަންނަ މީހުންނަށް ހަ މަސްދުވަހު ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އިންސްޓޯލްމެންޓަށް ފައިސާ ދައްކާ ގޮތަށް ފޯނު ގަތުމުގެ ފުރުސަތު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ދިރާގުން ދީފައިވެ އެވެ. ހޯމް ބަޓަން ފޮރުވާފައި ހުންނަ ސެމްސަންގް ގެލެކްސީ އެސް8 ދެ ކުލައެއްގެ ފޯނު ލިބެން ހުރެ އެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑް އެވެ. ސެމްސަންގް ގެލެކްސީ އެސް8 ޕްލަސް ލިބެން ހުންނަ ކުލަތަކަކީ މިޑްނައިޓް ބްލެކް އާއި މޭޕްލް ގޯލްޑް އަދި ކޮރަލް ބްލޫ އިން އެވެ. ސެމްސަންގް ގެލެކްސީ އެސް8 ޕްލަސް އަދި އެސް8 ގައި ފުރަތަމަ ފަހަރަށް ވަނީ ބްލޫޓޫތު 5 ވަނީ ހިމަނައިފަ އެވެ. މިއީ ބްލޫޓޫތު 5 އަށް އެންމެ ފުރަތަމަ ހިމެނި ދެ ފޯނެވެ.