ސެމްސަންގުން އެންމެ ފަހުން އުފެއްދި ގެލެކްސީ އެސް8 އާއި އެސް8 ޕްލަސްގެ ފަސް މިލިއަން ޔުނިޓް މިހާތަނަށް ވިކިއްޖެ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ސެމްސަންގުން މި ދެ ފޯނު ބާޒާރަށް ނެރެފައި ވަނީ މީގެ މަސް ދުވަސް ކުރިންނެވެ. އެންމެ ފުރަތަމަ ވިއްކަން ފަށާފައި ވަނީ ސައުތު ކޮރެއާ، ޔޫކޭ، ފްރާންސް، ޖަރުމަނު އަދި އިޓަލީގަ އެވެ. ސައުތު ކޮރެއާއިން އެކަނި ވެސް މި ދެ މޮޑެލްގެ އެއް މިލިއަން ފޯނަށް ޕްރީއޯޑަރު ލިބުނެވެ.
ވިޔަފާރި ރަނގަޅު މި ފޯނު ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އިތުރު 120 ގައުމެއްގައި ވިއްކަން ފަށާނެ އެވެ.
ސެމްސަންގުގެ މި ދެ ފޯނުގައި ވެސް ޑިސްޕްލޭގެ ކުލަ ބަދަލުވާ މައްސަލައެއް ފެންމަތިވި އެވެ. ނަމަވެސް ސެމްސަންގުން ވަނީ މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާ އަޕްޑޭޓެއް ނެރެފަ އެވެ.
ދެކުނު ކޮރެއާގެ އެނަލިސްޓުން ލަފާކުރާ ގޮތުގައި އެސް8 އާއި އެސް8 ޕްލަސްގެ ވިޔަފާރި ކުރިއަށް އޮތް ތަނުގައި ވެސް ވަރަށް ރަނގަޅުވާނެ އެވެ. އަދި އަހަރުގެ ދެ ވަނަ ކުއާޓާގައި ކުންފުންޏަށް ރެކޯޑް މިންވަރެއްގެ ފައިދާއެއް ހޯދޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.