ސެމްސަންގުން ގެލެކްސީ ނޯޓް 8 އުފައްދާނެކަމާ މެދު ސުވާލެއް ނެތެވެ. މިދިޔަ އަހަރު ނޯޓް 7 އަށް ދިމާވި ބެޓެރި ގޮވުމުގެ ހާދިސާއަަށް ފަހު ނޯޓް ސީރީޒް ހުއްޓާލަފާނެ ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް ސެމްސަންގުން ވަނީ އެގޮތަށް ނުނިންމާ ކަމަށް ބުނެފަ އެވެ.

ނޯޓް 8 ގައި ހިމަނާނެ ކަމަށް ބުނާ ފީޗާތަކުގެ ވާހަކައަަށް ވުރެ މިހާރު ބޮޑަށް ސަމާލުކަން ލިބިފައި ވަނީ ކުރިން ހީކުރެވިފައިވާ ތާރީހަށް ވުރެ ކުރިން މި ފޯނު ނެރޭނެ ކަމަށް ބުނާތީ އެވެ.

"ގެލެކްސީ ކްލަބް" ގެ މެންބަރުން ބުނާ ގޮތުގައި ނޯޓް 8 ގައި ހިމަނާނީ އިންފިނިޓީ ޑިސްޕްލޭއެކެވެ. އެއީ އެސް8 ގައި ވެސް އިންނަ ގޮތަށެވެ. އަދި ނޯޓް 8 ޓެސްޓްކުރަނީ އެންޑްރޮއިޑް 7.1.1 އަށް ކަމަށް ވެސް ބުނެފައިވެ އެވެ. މާނަ އަކީ އެންޑްރޮއިޑް އޯގެ ފައިނަލް ވާޝަން އަންނަންދެން ފޯނު ނެރުން ފަސް ނުކުރުމެވެ.

މިއީ ސައްހަ ރިޕޯޓްތަކެއް ނަމަ ނޯޓް 8 ބާޒާރަށް ނެރުން އަވަސްވާނެ އެވެ. މީގެ ކުރިން ބައެއް ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި، ނޯޓް 7 އަށް ދިމާވި ކަމެއް ތަކުރާރު ވިޔަ ނުނިދުމަށް ނޯޓް 8 ނެރުން ފަސްކުރާނެ އެވެ. އެގޮތުން އޯގަސްޓް ފަހުކޮޅު ނުވަތަ ސެޕްޓެމްބަރު މަހު ވެސް ފޯނު ނެރެފާނެ ކަމަށް އަޑު ފެތުރިފައިވެ އެވެ.