ދިވެހި ކުޅިވަރަށް އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނުގައި ތައުބީންގެ ޖަލްސާ އަންނަ އަންގާރަދުވަހުގެ ރޭ ބާއްވާ ގޮތަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.
ދަރުބާރުގޭގައި ބާއްވާ މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ޒާހިރު ނަސީރުގެ ހިދުމަތްތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާނެ އެވެ. މީގެ އިތުރުން ޒާހިރު ނަސީރުގެ ހަނދާނުގައި، އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކު ވެސް ވާހަކަ ދައްކަވާނެ އެވެ.
އުމުރުން 87 އަހަރުގައި ޒާހިރު ނަސީރު އަވަހާރަވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭގެ ފަތިހުގަ އެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ.
ޒާހިރު ނަސީރަށް ނޫސްވެރިކަމުގެ ޝަހުސިއްޔަތުގެ އެވޯޑް، މޯލްޑިވްސް މީޑިއާ ކައުންސިލުން މި މަހުގެ ތިންވަނަ ދުވަހު އަރުވައިފަ އެވެ. އެމަނިކާފު ވަނީ ދިވެހި ނޫސްވެރިކަމުގެ ޅަފަތުގެ ދައުރުން ފެށިގެން އެ ދާއިރާ އަށް ވެސް ނުހަނު ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އުފެދުނީއްސުރެ 2008 ވަނަ އަހަރުގެ ނިޔަލަށް އެ ކޮމިޓީގެ ރައީސްކަން ކުރެއްވި ޒާހިރު ނަސީރަކީ ރާއްޖޭގައި ގިނަ ކުޅިވަރުތަކެއް އާލާކުރެއްވުމުގައި ގިނަގުނަ މަސައްކަތްތަކެެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކާފު ވަނީ ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާތަކުގެ އިސް މަގާމްތައް ވެސް ފުރުއްވައިފަ އެވެ.
ދައުލަތުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވާފައިވާ ޒާހިރު ނަސީރަށް ވަނީ ކުޅިވަރަށް ހިދުމަތްކުރުމުން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ވެސް ލިބިވަޑައިގެންފަ އެވެ. މީގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުގެ މެރިޓް އެވޯޑް ވެސް އެމަނިކާފުނަށް ވަނީ އަރުވައިފަ އެވެ.
ޒާހިރު ނަސީރަށް ނޫސްވެރިކަމުގެ ޝަހުސިއްޔަތުގެ އެވޯޑް، މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ މަހުގެ ތިންވަނަ ދުވަހުގެ ރޭ ވަނީ އަރުވައިފަ އެވެ. މިއީ ދިވެހި ނޫސްވެރިކަމުގެ ޅަފަތުގެ ދައުރުން ފެށިގެން އެ ދާއިރާ އަށް ވެސް ނުހަނު ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޒާހިރު ނަސީރަށް ލިބިވަޑައިގެންނެވި އެންމެ ފަހުގެ އެވޯޑެވެ.
ޒާހިރު ނަސީރަކީ ދިވެހި ސަރުކާރުން ސިލޯނަށް އެންމެ ފުރަތަމަ ކިޔަވަން ފޮނުވި ކުދިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކާފުނަކީ ރާއްޖޭން އެންމެ ފުރަތަމަ ލޭ ހަދިޔާކުރެއްވި ފަރާތެވެ. އެ ޒަމާނުގައި ލޭ ހަދިޔާކުރަން ފަސްޖެހިފައި ތިބި ދިވެހިންނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްވަރަކީ ޒާހިރު ނަސީރެވެ