ޚަބަރު / މުހައްމަދު ޒާހިރު ނަސީރު

ޒާހިރު ނަސީރުގެ ނަން ރަން އަކުރުން ލިޔެވޭނެ: މައުމޫން

ާޒާހިރު ނަސީރުގެ ތައުބީންގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫން މިރޭ ވާހަކަފުޅު ދައްކަވާނެ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ރާއްޖެ އަށް ތަފާތު ކުޅިވަރުތައް ތައާރަފު ކުރައްވައި، ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް މުހައްމަދު ޒާހިރު ނަސީރު ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ ސަބަބުން އެއީ ގައުމީ ހިދުމަތްތެރިންގެ ލިސްޓްގެ އެންމެ ކުރީކޮޅުގައި ލިޔެވޭނެ ނަންފުޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އުމުރުން 87 އަހަރުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އަވަހާރަވި ޒާހިރު ނަސީރުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގައި މައުމޫން ވިދާޅުވީ ޒާހިރު ނަސީރަކީ އަމިއްލަފުޅަަށް ކުޅިވަރު ކުޅުއްވައި ޝައުގުވެރިކަން ދެއްވި ބޭފުޅަކަށް ނުވިޔަސް، އެއީ ރާއްޖޭގެ ކުޅިވަރުގެ ބާނީ ކަމަށެވެ.

މައުމޫން ވިދާޅުވީ ތަފާތު ކުޅިވަރުތައް ރާއްޖެ އަށް ތައާރަފު ކުރުމުގެ އިތުރަށް އެމަނިކުފާނަކީ ރާއްޖޭގެ ކުޅިވަރު ބޭރު ދުނިޔެއާ ހަމަށް ވެސް ގެންދެވި ބޭފުޅާ ކަމަށެވެ. އަދި އެއީ ތަފާތު ދާއިރާތަކުން ރާއްޖެ އަށް 65 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި އަގުހުރި ޝަހުސިއްޔަތެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

"ހަގީގަތުގައި ޒާހިރު ނަސީރަކީ ރާއްޖޭގެ ކުޅިވަރު އާއިލާގެ ހަގީގީ ބައްޕަ،" މައުމޫން

"އެ މަނިކުފާނަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ފަހުން ކުޅިވަރުގެ ދެވަނަ ބާނީ. މުހައްމަދު އަމީން ވަނީ ކުޅިވަރުގެ ފުރަތަމަ ބާނީގެ ލަގަބު ހޯއްދަވާފައި،" މައުމޫން ވިދާޅުވި އެވެ.

ޒާހިރު ނަސީރުގެ ހަނދާނުގައި މިރޭ ބޭއްވި ތައުބީންގެ ޖަލްސާގެ ތެރެއިން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ރާއްޖޭގެ ކުޅިވަރުގެ ދެވަނަ ބާނީ އަކީ އޮނަރަބަލް އަލްމަރުހޫމް މުހައްމަދު ޒާހިރު ހުސައިން. ހަގީގަތުގައި ޒާހިރު ނަސީރަކީ ރާއްޖޭގެ ކުޅިވަރު އާއިލާގެ ހަގީގީ ބައްޕަ."

މުހައްމަދު ޒާހިރު ނަސީރު: ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއްކޮށް ދެއްވި.

މައުމޫން ފާހަގަ ކުރެއްވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ޒާހިރު ނަސީރު ވަނީ އެޑްވައިޒަ އޮން ޔޫތު ވެލްފެއާ އެންޑް ރެކްރިއޭޝަންގެ މަގާމާއި ކޮންސަލްޓަންޓް އޮން ޔޫތު ވެލްފެއާ އެންޑް ރެކްރިއޭޝަންގެ މަގާމުގައި ވެސް ހުންނަވައިގެން ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. އަދި އެއީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ފުރަތަމަ ރައީސްކަން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ.

ޒާހިރު ނަސީރުގެ ހަނދާނުގައި މިރޭ ބޭއްވި ތައުބީންގެ ޖަލްސާގައި، އެމަނިކުފާނުގެ ބޭބޭފުޅު އުމަރު ޒާހިރަށް، ކުޅިވަރާ ބެހޭ މިނިސްޓަރު ޒުހޫރު ހަނދާނީ ފޮތެއް އަރުވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މައުމޫން ވިދާޅުވީ ޒާހިރު ނަސީރާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ ސްރީ ލަންކާގެ ކޮޅުނބުން ކަމަށެވެ. އެއީ އެ މަނިކުފާން މިސްރަށް ކިޔަވާ ވިދާޅުވާން ވަޑައިގަތުމަށް ތައްޔާރުވަމުން ގެންދަވަނިކޮށް ކަމަށް ވިދާޅުވި އެވެ. އަދި ފަހުން ސަރުކާރުގެ މަގާމެއްގައި ހުންނަވަނިކޮށް 1974 ވަނަ އަހަރު، ޒާހިރު ނަސީރުގެ ކުޅިވަރު ހަފުލާއަކަށް ދައުވަތު ލިބވަޑައިގެން ބައްދަލުވި ކަމަށް މައުމޫން ވިދާޅުވި އެވެ.

ޒާހިރު ނަސީރުގެ ތައުބީންގެ ޖަލްސާގެ ބައެއް ބައިވެރިން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މައުމޫން ވިދާޅުވީ ޒާހިރު ނަސީރު ފާހަގަ ކުރެވެނީ ކަމަށް ކަމޭހިތުމާއެކު، ގަޑި އަށް ވަރަށް ފަރުވާ ބަހައްޓަވައިގެން ވަރަށް ހަރުދަނާ އުސޫލްތަކާއި އަހުލާގުތަކެއްގެ މަތީގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އޭގެ ސަބަބުން ކުޅިވަރުގެ ރޮނގުން އެތައް ބަޔަކު ތަރުބިއްޔަތުވެގެން ދިޔަ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޒާހިރު ނަސީރަކީ ބޭސްވެރިއެއްގެ ގޮތުގައި ވެސް އެހާމަ ކުޅަދާނަ ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ބައްޕަ އާލާސްކަންފުޅާ އުޅުއްވިއިރު، ކޮންމެ ވަގުތަކު ވަޑައިގެން ދެއްވުމަށް އެދިވަޑައިގަތަސް ޒާހިރު ނަސީރު އެކަން ކުރެއްވި ކަމަށް ވިދާޅުވި އެވެ. އެހެންވެ ޒާހިރު ނަސީރަކީ ބައްޕާފުޅު އެންމެ އިތުބާރު ކުރެއްވި ބޭސްވެރިޔާ ކަަމަށް މައުމޫން ވިދާޅުވި އެވެ.

ޒާހިރު ނަސީރާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އާދަމް ޒާހިރު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޒާހިރު ނަސީރާ އެކު 33 އަހަރު މަސައްކަތް ކުރެއްވި އާދަމް ޒާހިރު މިރޭގެ ޖަލްސާގައި ވިދާޅުވީ އޭނާ އަށް ކާމިޔާބަކީ ސިއްރަކީ ޒާހިރު ނަސީރުގެ ފަރާތުން ލިބިވަޑައިގަތް ތަރުބިއްޔަތު ކަމަށެވެ.

ޒާހިރު ނަސީރުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބަދުރުއްނަސީރު ވިދާޅުވީ "ތުއްތުބެއަކީ ކުރައްވާ ކޮންމެ ކަމެއް ސުންގަޑި އަށް ފައްޓަވައި، އެކަމެއް ފުރިހަމަ ކުރެއްވުމަށް އިންތިހާ އަށް އިސްކަން ދެއްވި" ބޭފުޅެއް ކަމަށެވެ.

1 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 94%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލިސްޓް

22 June 2016

ދެންކީއްވެތޯ ރަސްމީއިއްޒަތުގައި ފަސްދާނުނުވެޑުވީ ؟؟ އާއިލާޢިން އޮގޮތަށް ބޭނުންވީތޯ ؟ ނޫނީ ސަރުކާރުން އިއްޒަތްދޭންބޭނުންނުވީތޯ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454