ގަތަރާ ގުޅުން ކަނޑާލި މައްސަލާގައި ބަހުސް ކުރަން ފާހެއް ނުވި

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


މިއަދުގެ ޖަލްސާގައި މި މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ތެރެއިން 40 މެމްބަރުން ވޯޓު ދެއްވީ އެ މައްސަލަ އަށް ބަހުސް ނުކުރުމަށެވެ. ގަތަރުގެ މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 22 މެމްބަރުންނެވެ.

ރާއްޖޭގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މި މައްސަލަ މަޖިލިހުން ބޭރުކޮށްލީ ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ވޯޓު ދެއްވައިގެންނެވެ. މައްސަލަ އަށް ބަހުސް ކުރަން ވޯޓު ދެއްވީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން އެކަންޏެވެ.

ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ރާއްޖެ އިން ގަތަރާ ސިޔާސީ ގުޅުން މިދިޔަ ހޯމަދުވަހު ކަނޑާލުމާ ގުޅިގެން ހުސެއިން މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ފާހަގަކުރާއްވާފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް މައްސަލައެއް ނުވަތަ ދެބަސްވުމެއް ކުރިމަތިވެފައި ނެތެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ރައްކާތެރިކުރުމާ އެކު، ރާއްޖެއާ އެކުވެރިކަން އުފައްދަން ބޭނުންވާ ގައުމުތަކާ ޑިޕްލޮމެޓިކް ގުޅުން ކުރިއަށް ގެންދިއުން ކަަމަށްވާއިރު، ގަތަރާ އެކު އޮތް ގުޅުން ކުއްލި ގޮތަކަށް ކަނޑާލުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބުވެދާނެ ކަމެއް ކަމަށް ކުއްލި މައްސަލާގައި ބުނެފައިވެ އެވެ. ހުސެއިން ވިދާޅުވި ގޮތުގައި އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގަ އެވެ.

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް 33 އަހަރުވީ ސިޔާސީ ގުޅުން ކުއްލި ގޮތަކަށް ރާއްޖެ އިން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް އެހީތެރިވާ ކަމަށް ބުނެ އެވެ. އަރަބި ފަސް ގައުމެއްގެ ފަހަތުން ރާއްޖެ ވެސް ގަތަރާ ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

ރާއްޖެ-ގަތަރާ ދެމެދު އޮތް ޒަމާންވީ، ސިޔާސީ ގުޅުން ރާއްޖެ އިސްވެ ކަނޑާލި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް ކުރީގެ ދެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ވަނީ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރާއްޖެއިން ގަތަރާ އެކު ސިޔާސީ ގުޅުން ގާއިމުކުރީ މެއި 26، 1984 ގަ އެވެ.