ނަޝީދުގެ ފަރާތްޕުޅުން އަދީބާ ބައްދަލު ކުރައްވަން އެދިވަޑައިގެންފި

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.


އިދިކޮޅު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ އަދީބުގެ ސިއްހީ ހާލަތާ މެދު ދައްކާ ވާހަކަތަކާ ގުޅިގެން، އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މިވަގުތު ސްރީ ލަންކާގައި ހުންނެވި ނަޝީދުގެ ފަރާތްޕުޅުން އެދި ހޯމް މިނިސްޓްރީ އަށާއި ފުލުހުންނަށް އިއްޔެ ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

އަނަސް ވިދާޅުވި ގޮތުގައި ނަޝީދުގެ މަންދޫބުންގެ ގޮތުގައި އަދީބާ ބައްދަލު ކުރައްވާނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައިވާ އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އެމަނިކުފާނަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އެހެންވެ އަދީބު ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް އާއިލާ އިން އެދިފައި އޮތަސް، އެކަމާ ގޮތުން މިހާތަނަށް އެއްވެސް މުއައްސަސާއަކުން ގޮތެއް ނިންމާފައެއް ނުވެ އެވެ.

އަދީބު ސިއްހީ ފަރުވާ އިން މަހްރޫމްކޮށްފައިވާ މައްސަލަ ބަލަން އދ. އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި ވެރިކަން ކުރާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލު ކުރުމަށް އެދި އަދީބުގެ އާއިލާ އިން ވަނީ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް ސިޓީއެއް ފޮނުވައިފަ އެވެ.

އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަކޮށް، ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.