ކ. ކޮށްދިއްޕަރުގައި ހެދި މަތީ ފެންވަރުގެ ރިސޯޓް ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ "ގްރޭންޑް ޕާކް ކޮއްދިއްޕަރު"ގެ ނަމުގައި ތަރައްގީކުރި 120 ވިލާގެ ރިސޯޓަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ރިސޯޓެއް ކަމަށެވެ. އެ ރިސޯޓު ޑިޒައިން ކުރީ ހާޝް ބެޑްނާ އެސޯސިއޭޓްސް ކިޔާ ބޭރުގެ ކުންފުންޏަކުންނެވެ.

މި ރިސޯޓުގެ ގެސްޓް ކޮޓަރިތައް ހަދާފައި ވަނީ އެތެރެއަށް ވަރަށް ބޮޑަށް އަލި ވަންނަ ގޮތަށެވެ. އަދި ކޮޓަރިތަކުގައި ލަކުޑި ތަޅުމަކާއެކު އަތުން ވިޔެފައި ހުރި ދޫލަ އަޅައިފައިވެ އެވެ. ފާރުތަކުގައި ހިތްގައިމު ޑިޒައިންތަކުގެ ޓެކްޗާ ވެސް ޖަހާފައިވެ އެވެ.

ވެބްސައިޓްގައިވާ ގޮތުން ރިސޯޓުގައި ދިއްލުމަށް ބޭނުންކޮށްފައި ވަނީ ބެސްޕޯކް ލައިޓިން އެވެ. އޭގެ އިތުރުން ތަށިމުއްޓަކީ އެ ރަށަށް ހާއްސަކޮށްގެން ހެދި ތަށިމުއްޓެވެ. ރިސޯޓުގެ ލޮބީ އޭރިއާ އާއި މެއިން ބާ އާއި ރެސްޓޯރަންޓް ފަދަ ތަންތަން ހަދާފައި ވަނީ ވަރަށް އުސްކޮށް ސީލިންއާއެކު އަދި ލަކުޑި ތަނބު ޖަހައިގެންނެވެ.

މާލެ އަތޮޅުގައި އަލަށް ތަރައްގީކުރި ކޮށްދިއްޕަރު ރިސޯޓްގެ ވިލާއެއް: މިއީ މިއަހަރު މާލެ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓް. ފޮޓޯ: ކޮށްދިއްޕަރު
މާލެ އަތޮޅުގައި އަލަށް ތަރައްގީކުރި ކޮށްދިއްޕަރު ރިސޯޓްގެ ވިލާއެއް: މިއީ މިއަހަރު މާލެ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓް. ފޮޓޯ: ކޮށްދިއްޕަރު

މަތީ ފެންވަރު އެކި ވިލާތައް ހިމެނޭ އެ ރިސޯޓުގެ ހުރިހާ ވިލާތަކެއް ހަދާފައި ވަނީ އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ވަރަށް ރީއްޗަށް ފެންނަ ގޮތަށެވެ.

އަމިން ކޮންސްޓްރަކްޝަންގެ ހިއްސާ އޮންނަ ކޮށްދިއްފަރު އިންވެސްޓްމަންޓުން ތަރައްގީކުރި ރިސޯޓް ގާތްގަނޑަކަށް 65 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) އަށް، ސިންގަޕޫރުގެ ޕާކް ހޮޓެލް އިން ގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މިއީ އެ ކުންފުނިން ރާއްޖޭގެ ރަށެއް ގަނެ، އެ ބްރޭންޑުގެ ނަމުގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ކޮށްދިއްޕަރު ރިސޯޓް ޕާކް ގްރޫޕުގެ 30 ޕަސެންޓް ހިއްސާ އާއި ސިންގަޕޫރުގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށް ވާ ޗިޕް އެންގް ސެންގް ކޯޕަރޭޝަން (ސީއީއެސް)ގެ 70 ޕަސެންޓް ހިއްސާ ހިމެނޭ ގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.

މާލެ އަތޮޅުގައި އަލަށް ތަރައްގީކުރި ކޮށްދިއްޕަރު ރިސޯޓްގެ ވިލާއެއް: އެ ރިސޯޓުގައި މަތީ ފެންވަރުގެ 120 ވިލާ ހިމެނޭ. ފޮޓޯ: ކޮށްދިއްޕަރު
މާލެ އަތޮޅުގައި އަލަށް ތަރައްގީކުރި ކޮށްދިއްޕަރު ރިސޯޓްގެ ވިލާއެއް: އެ ރިސޯޓުގައި މަތީ ފެންވަރުގެ 120 ވިލާ ހިމެނޭ. ފޮޓޯ: ކޮށްދިއްޕަރު

ސިންގަޕޫރުގެ ބިލިއަނަރު ލޯ ކާރު ޕޯގެ ޕާކް ގްރޫޕުން އޭޝިއާ ޕެސިފިކްގެ އަށް ގައުމެއްގައި 15 ޓޫރިސްޓް ހޮޓާ ހިންގަ އެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ އިތުރުން ޗައިނާގެ ތިން ސިޓީއަކާއި ހޮން ކޮންގާއި ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

ކުޑަ ފިނޮޅެއްގެ ގޮތުގައި ކުރިން އޮތް ކޮށްދިއްޕަރު ވަރުވާއަށް ނަގައިގެން ބެލެހެއްޓި ފަރާތުން އެތަން ހިއްކައި ތިން ހެކްޓަރުގެ ބިން ހިމެނޭ ރަށަކަށް ހެދުމަށް ފަހު އަމިން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދަށް ވިއްކާލީ އެވެ.

މިއީ މިއަހަރު މާލެ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. މިދިޔަ އަހަރު މާލެ އަތޮޅުގައި ދެ ރިސޯޓެއް ހުޅުވާފައިވެ އެވެ.