ގުޅިގެން ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މިހާރު ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވެސް ނިމުމަކަށް ގެނެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާ އަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ނަޝީދު ވިދާޅުވީ، މިހާރު އެ ޕާޓީގެ މެމްބަރުން ފާހަގަކުރަނީ ވަކިން މާބޮޑު އުފަލެއްގެ އުފާވެރިކަން ކަމަށެވެ. އަދި ގުޅިގެން ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ. ޕާޓީތަކުން ޚިޔާރު ކުރެވޭ ކެންޑިޑޭޓުން ބައިވެރިވާ މިނިވަން އިންތިޚާބެއް މި ރާއްޖޭގައި އަނެއްކާ ވެސް ބޭއްވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު މެމްބަރުން ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ފަޅި ދޫކުރައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ. އަދި އެ މެމްބަރުންނަށް ބިރު ދެއްކުމުގެ މަގުތައް ރައީސް ޔާމީނަށް ބަންދުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ފުލުހުންނަށް ވެސް ސިފައިންނަށް ވެސް ފަނޑިޔާރުންނަށް ވެސް އަދި އެންމެހާ މިނިވަން މުއައްސަސާތަކަށް ވެސް [ބަންދުވެއްޖެ]. ކުޅި ހިނގާ މަގު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ. ސަރުކާރު އުފެދުނު އިއްތިހާދު ރޫޅި ކައުންސިލް އިންތިޚާބުން އިންތިހާ އަށް ބަލިވެ އަދި އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުނީމަ ކާކައްތޯ އޮޅޭނީ؟،" މިހާރު ސްރީ ލަންކާގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރޭގައި ހިމެނޭ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާ ނަޝީދު މިދިޔަ ބުދަދުވަހު ސްރީ ލަންކާގައި ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޑީޕީ

ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ "ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލުނީމަ ކޮން ދިވެއްސަކަށްތޯ ވީގޮތް އޮޅޭނީ" ކަމަށެވެ.

"އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ގާސިމް އިބްރާހިމާ ގުޅިގެން، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲއާ ގުޅިގެން އެމްޑީޕީން ކުރަމުން މިއައި ބުރަ މަސައްކަތުގެ ކާމިޔާބީގެ ރިހިދާޅަ މިރޭ އަޅުގަނޑުމެންނަށް ފެނޭ. އެ ކާމިޔާބީގެ މަންޒަރު އެބަ ސިފަކުރެވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހިންނަށް ހެޔޮވެރިކަމެއް ކޮށްދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އަލުން އަނބުރާ ގެނެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޭނުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އަލުން އިޔާދަކުރުން. މުސްތަގިއްލު މުއައްސަސާތައް ކުރުން. ފަނޑިޔާރުގޭގެ ނިންމުންތަކަށް ސަރުކާރުން ވަނަ ނުދިނުން. ފުލުހުންނާއި ސިފައިގެ މަސައްކަތްތަކުގައި ސިޔާސީ ކުލަ ޖެހުނަ ނުދިނުން. ލާމަރުކަޒީ އަލުން އަނބުރާ ގެނައުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މީހުން މެރުމާއި މަރުގެ އިންޒާރުދީ، ވައްކަމާއި ފޭރުމާއި ޓެކުމުގެ ނުރައްކަލުން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކޮށްދެވޭނެ އެވެ.

"ބޭނުމަކީ ރައްޔިތުންނަށް ހާސްކަމެއް ނެތް ދިރިއުޅުމެއް ހޯދައިދޭނެ މަގުތަކެއް ކޮށުން. ދިވެހިންނަށް ހައްގު މިންވަރު ދިވެހިންނަށް ހޯދައިދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.