އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ އުރީދޫ ދިވެހި ޕްރިމިއާ ލީގު ހުޅުވައިދޭ މެޗުގެ ޝަރަފްވެރި މެހެމާނަކަށް ފްރާންސްގެ ކުރީގެ ކެޕްޓަން މާސެލް ޑެސައިލީ ގެންނަން ނިންމައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޕްރިމިއާ ލީގު ފަށާ މެޗުގެ ޝަރަފްވެރި މެހެމާނަކީ ޑެސައިލީ ކަމަށެވެ.
"އަޅުގަނޑުމެން ޕްރިމިއާ ލީގު ފަށާ މެޗަށް ފްރާންސްގެ ކުރީގެ ތަރި ޑެސައިލީ ގެންނަން ނިންމާފައިވަނީ. މީގެ އިތުރުން ވެސް އެހެން ހަރަކާތްތައް ކުރިއަށްދާނެ. މި ހުރިހާ ކަމެއްގައި ވެސް އަޅުގަނޑުމެންގެ ސްޕޮންސަރު އުރީދޫ އިން ލިބުނު އެހީތެރިކަން ފާހަގަކުރަން،" ބައްސާމް ވިދާޅުވި އެވެ.
އުމުރުން 48 އަހަރުގެ ޑެސައިލީ އަކީ ފަހަތުގެ ކޮންމެ މަގާމެއްގެ އިތުރުން ޑިފެންސިވް މިޑްފީލްޑަރަކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ. ފްރާންސްގެ ނޯންޓެސް އިން 1986 ވަނަ އަހަރު ކެރިއަރު ފެށި ޑެސައިލީ ވަނީ އޭގެ ފަހުން އެ ގައުމުގެ މާސޭ އަށް ކުޅެ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ އޭސީ މިލާން އާއި ޗެލްސީގަ އެވެ.
އޭސީ މިލާނަށް ކުޅުނުއިރު އޭނާ ވަނީ އިޓަލިއަން ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގުގެ އިތުރުން ޔުއެފާ ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ޗެލްސީއާ އެކު އެފްއޭ ކަޕް ވެސް އުފުލައިލި އެވެ.
ޑިސައިލީ އަކީ ނުވަދިހައިގެ ފަހު ކޮޅާއި ދެހާހުގެ ކުރީކޮޅުގައި ފްރާންސުން ދުނިޔޭގެ ފުޓްބޯޅައިގައި ހޯދި ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން 2001 އާއި 2003 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.
ކެރިއަރުގެ ފަހު ކޮޅުގައި ޑެސައިލީ ކުޅުނީ ގަތަރުގެ އަލް ގަރާފާ އާއި ގަތަރު ސްޕޯޓްސް ކްލަބަށެވެ. އޭގެ ފަހުން އޭނާ ވަނީ ބީބީސީ ސްޕޯޓްސް ޕަންޑިޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި އުފަން ގައުމު ގާނާގައި އޭނާ އަންނަނީ ފުޓްބޯޅަ އެކަޑަމީތައް ހިންގަމުންނެވެ.
މިއީ މިދިޔަ ދެ އަހަރު ތެރޭ ފުޓްބޯޅަ ހަރަކާތްތައް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކުރުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު ކުޅުންތެރިއަކު ގެންނަ ދެ ވަނަ ފަހަރެވެ. މިގޮތުން އެފްއޭއެމްގެ ރައީސަކަށް އަހުމަދު ތޯރިގު (ޓޮމް) ހުރިއިރު، އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅުނު މެޗުގެ ޝަަރަފްވެރި މެހެމާނަކަށް ސްޕެއިނާއި ބާސެލޯނާގެ ކުރީގެ ތަރި ޒަވީ އާއި އާޖެންޓާނީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ ގެނެސްފަ އެވެ.
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗުގައި ބައްދަލު ކުރާނީ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ.ކުޑަހުވަދޫ އެވެ. މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ 9 ޖަހާއިރު އެވެ.