އަބޫޖާ (އޮގަސްޓް 16) - ނައިޖީރިއާގައި ތިން އަންހެނަކު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާތަކެއްގައި 27 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބޯނޯ ސްޓޭޓުގެ ރެފިއުޖީ ކޭމްޕެއްގައި ދިން ފުރަތަމަ ހަމަލާއާ އެކު އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. މިއީ ބޯކޯ ހަރާމްގެ ބާރުގަދަ ސަރަހައްދެކެވެ. ބޯނޯ ސްޓޭޓުގައި ވޭތުވެދިޔަ މަސްތަކުގައި ވަނީ ހަމަނުޖެހުންތައް ބޮޑުވެފަ އެވެ. އެ ޓައުނުގެ ރައްޔިތެއް ކަމަށްވާ ބާބާ ކާރޫ ބުނީ އިތުރު ދެ އަންހެނަކު ޖާނުންފިދާވުމުގެ ހަމަލާ ދިނީ ރޭގަނޑު ފިހާރަތައް ބަންދުކުރަން އުޅެނިކޮށް ކަމަށެވެ.
ބޯކޯ ހަރާމުން ދަނީ ނައިޖީރިއާގައި އިސްލާމީ ވެރިކަމެއް ގާއިމް ކުރަން 2009 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުންނެވެ. އެކަމަކު ނައިޖީރިއާ ސަރުކާރުން މިދިޔަ އަހަރު ބުނެފައި ވަނީ ބޯކޯ ހަރާމް ބަލިކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އޮފިޝަލުން ބުނެފައި ވަނީ ބޯކޯ ހަރާމްގެ ހަމަލާތައް ހުއްޓުވުމަށް ސިފައިން ނުކުޅެދިފައިވާ ކަމަށެވެ.
މިދިޔަ ޖޫން މަހުން ފެށިގެން އިއްޔެގެ ނިޔަލަށް ވަނީ ބޯކޯ ހަރާމްގެ ހަމަލާތަކުގައި 143 މީހުން މަރުވެފަ އެވެ. އެޕްރީލް 2014 ގައި ބޯކޯ ހަރާމުން ވަނީ 200 އަށް ވުރެ ގިނަ ސްކޫލް ކުދިން ވަގަށް ނަގައިފަ އެވެ. ބޯކޯ ހަރާމުގެ ހަމަލާތަކުގައި ވޭތުވެދިޔަ އަށް އަހަރު ތެރޭ 20،000 އަށް ވުރެ ގިނަ މީހުން މަރުވެ 2.7 މިލިއަން މީހުން ވަނީ ގެދޮރުން ނުކުމެފަ އެވެ.