އަބޫޖާ (ނޮވެމްބަރު 21) - ނައިޖީރިއާގެ އުތުރުގެ މުބީ ޓައުނުގެ މިސްކިތެއްގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދީ 50 މީހުން މިއަދު މަރާލައިފި އެވެ.
ފުލުހުން ތުހުމަތުކޮށްފައި ވަނީ އެއީ ބޯކޯ ހަރާމުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް އެއްވެސް ބަޔަކު މި ހަމަލާގެ ޒިންމާ އަދި އުފުލައިފައެއް ނުވެ އެވެ. މަދީނާ މިސްކިތުގައި ބޮމުގެ ހަމަލާދީފައި ވަނީ ރޭ ފަތިސް ނަމާދު ވަގުތު އެވެ. ހަމަލާގައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފަ އެވެ.
ފުލުހުން ބުނީ ހަމަލާ ދިން މީހާ މިސްކިތަށް ވަދެފައި ވަނީ ފަތިސް ނަމާދަށް އެރި މީހުންނާ އެކު ކަމަށެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ގޮއްވާލި ބޮމުގެ ބާރުގަދަވުމުން މިސްކިތުގެ ފުރާޅު ވެސް އެއްލާލި ކަމަށެވެ.
ނައިޖީރިއާގައި ބޯކޯ ހަރާމުން 2009 ވަނަ އަހަރުން ފެށިގެން ދެމުންދާ ހަމަލާތަކުގައި ވަނީ 20،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި 2.6 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.