އަބޫޖާ (މެއި 2) - ނައިޖީރިއާގެ އިރު އުތުރުގެ ޓައުނެއް ކަމަށްވާ މުބީގެ މިސްކިތެއްގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްދީ 27 މީހުން މަރާލައިފި އެވެ.
މިސްކިތުގެ އެތެރެ އާއި ބޭރުގައި ބޮން ގޮއްވާލާފައި ވަނީ މެންދުރު ނަމާދަށް މީހުން ޖަމާވި ވަގުތުގަ އެވެ. ހަމަލާ ދިނީ ކޮން ބައެއް ކަމެއް އަދި ނުބުނެ އެވެ. ނަމަވެސް މުބީގައި މީގެ ކުރިން ބޮމުގެ ހަމަލާތައް ދީފައި ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމުންނެވެ. ނައިޖީރިއާގެ އުތުރުގައި އިސްލާމީ ދައުލަތެއް އުފެއްދުމަށް ކަމަށް ބުނެ ބޯކޯ ހަރާމުން 2009 ވަނަ އަހަރުން ފެށިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ބޯކޯ ހަރާމުން ހިންގާ ހަމަނުޖެހުންތަކުގައި 20،000 އަށް ވުރެ ގިނަ މީހުން މަރުވެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ސްޓޭޓް ކޮމިޝަނާ އަބްދުﷲ ޔަރިމީ ވިދާޅުވީ ފުރަތަމަ ހަމަލާ ދިނީ މިސްކިތުގެ އެތެރޭގައި ކަމަށެވެ. އަދި ދެ ވަނަ ހަމަލާ ދިނީ މިސްކިތުގައި ތިބި މީހުން ދުއްވައި ގަތް ވަގުތު ކަމަށެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ބޮން ހަރުކޮށްފައިވާ މީހާ ބޮން ގޮއްވާލާފައި ވަނީ މީހުންތަކުގެ ތެރެއަށް ވަނުމަށް ފަހު އެވެ.