ވޮޝިންޓަން (އޮގަސްޓް 9) - އެމެރިކާގެ މިނެސޮޓާގެ ބްލޫމިންޓަންގެ މިސްކިތެއްގައި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާ ގުޅިގެން ވައިޓް ހައުސް އިން ބަހެއް ބުނެފައި ނުވާތީ ފާޑުކިޔުންތައް އަމާޒުވާން ފަށަައިފި އެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން ވައިޓް ހައުސް އިން ބުނެފައި ވަނީ ކޮމެންޓް ނުކޮށް މަޑުކުރީ ތަހުގީގު ނިމެންދެން ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޑެޕިއުޓީ އެސިސްޓެންޓް ސެބަސްޓިއަން ގޯރްކާ ވިދާޅުވީ މިސްކިތުގައި ދިނީ ބޮމުގެ ހަމަލާއަކަށް ނުވެ ވެސް ހިނގައިދާނެ ކަމަށެވެ. އެހެންވެ ކޮމެންޓް ކުރުމުގެ ކުރިން ރަނގަޅަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސްކިތަށް ދިން ހަމަލާ އެފްބީއައި އިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މިނެސޮޓާގެ ގަވަރްނަރު މާކް ޑޭޓަން ވަނީ މިއީ "ޓެރަރިޒަމްގެ އަމަލެއް" ކަމަށް ވިދާޅުވެފަ އެވެ.

ކުރިނ ދިން މި ބާވަތުގެ ހަމަލާތަކަށް ރައީސް ޓްރަމްޕް އަވަސް ރައްދު ދެއްވާފައިވާ އިރު މިސްކިތަށް ދިން ހަމަލާގައި ޓްރަމްޕް ބަހެއް ވިދާޅުވެފައި ނުވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ޓްރަމްޕަށް އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާއުގައި ވެސް ގޯރްކާ ވިދާޅުވީ ވައިޓް ހައުސް އިން އިންތިޒާމް ކުރަމުން ދަނީ ފުރިހަމަ ތަހުގީގަކަށް ކަމަށެވެ. މީގެ ކުރީގެ ހަމަލާތަކުގެ ތަހުގީގު ނުނިމެނީސް ރައީސް ޓްރަމްޕް ޓްވީޓް ކުރައްވާކަން އެމްއެސްއެންބީސީގެ ޕްރެޒެންޓަރު ފާހަގަ ކުރުމުން ގޯރްކާ ވިދާޅުވީ ބައެއް ފަހަރު މި ކަހަލަ ކަންކަން "ފޭކް ކްރައިމް" އަށް ވެސް ވާ ކަމަށެވެ.

މިސްކިތަށް ދިން ހަމަލާ ޓްރަމްޕް ކުށްވެރިކުރައްވާފައި ނުވާތީ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އާއި މުސްލިމް އެމެރިކަން ސޮސައިޓީ އޮފް މިނެސޮޓާ އިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ދާރުލް ފާރޫގު އިސްލާމިކް ސެންޓަރުގައި އައިއީޑީ ގޮއްވާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފަތިސް ނަމާދު ވަގުތު އެވެ. ބޮން ގޮއްވާލުމުގެ ސަބަބުން މިސްކިތުގެ ކުޑަ ދޮރުތައް ތަޅައިގެން ގޮސް އިމާމުގެ ކޮޓަރި އަށް ވަނީ ގެއްލުންތައް ލިބިފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

މިސްކިތުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އުމަރު ވިދާޅުވީ މިސްކިތުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމަށް ފަހު މިސްކިތުގެ ޕާކިން ޒޯނުން ނުކުމެގެން ބާރު ސްޕީޑުގައި ޓްރަކެއް ދިޔަ މަންޒަރު ބައެއް މީހުންނަށް ފެނިފައިވާ ކަމަށެވެ.

ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްގެ މިނެސޮޓާ ޗެޕްޓަރުން ބުނީ ހަމަލާ ދިން މީހުން ހޯދަން މަގުފަހިވާ ފަދަ މައުލޫމާތެއް ދިން ފަރާތަކަށް 10،000 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށެވެ. މުސްލިމް އެމެރިކަން ސޮސައިޓީ އޮފް މިނެސޮޓާ އިން ވެސް ވަނީ ހަމަލާ ދިން މީހުން ހޯދި ފަރާތަކަށް 10،000 ޑޮލަރު ހުށަހަޅައިފަ އެވެ.

މިސްކިތަށް ދިން ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ވަނީ ފަންޑު ހޯދުމުގެ ޕްރޮގްރާމެއް ފަށައިފަ އެވެ.

އެމެރިކާގައި 3.3 މިލިއަން މުސްލިމުން އުޅެ އެވެ. މިއީ އެ ގައުމުގެ އާބާދީގެ އެއް ޕަސެންޓެވެ. މިނެސޮޓާގައި ސޯމާލިއާ ދަރިކޮޅުގެ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެ އެވެ. ދާރުލް ފާރޫގު އިސްލާމިކް ސެންޓަރު އާއްމުކޮށް ބޭނުން ކުރަނީ ވެސް ސޯމާލިއާގެ މުސްލިމުންނެވެ. މިނެސޮޓާގެ އޮފިޝަލުން ބުނީ 2016 ވަނަ އަހަރުން ފެށިގެން މުސްލިމުންނާ ދެކޮޅު 14 ހަމަލާ ދީފައިވާ ކަމަށެވެ.

ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ބުނެފައި ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ފަހު މުސްލިމުންނާ މެދު ތަފާތު ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާ އަށް ވަންނަ މުސްލިމުން މަނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް ވަނީ މުސްލިމް ބައެއް ގައުމުތަކުގެ މީހުންނަށް ވިސާ ދިނުން ހުއްޓާލައިފަ އެވެ.