އެމެރިކާގެ ނިއު ޖާޒީގެ އަވަށެއް ކަމަށްވާ ޕެޓާސަންގައި ހުންނަ މިސްކިތެއްގައި އިމާމެއްގެ ގަޔަށް ވަޅި ހެރި މައްސަލައާ ގުޅިގެން، އެ ސަރަހައްދުގެ މިސްކިތްތަކުގެ ސަލާމަތީ ކަންތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް އެ ސަރަހައްދުގެ ފުލުހުން އިއްޔެ ފަށައިފި އެވެ.

ނިއު ޖާޒީ ސްޓޭޓްގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ޕެޓާސަންގައި ހުންނަ ޖާމިއު އުމަރު ކިޔާ މިސްކިތުގެ އިމާމްގެ ގަޔަށް ވަޅި ހެރީ، މިދިޔަ އާދީއްތަ ދުވަހުގެ ފަތިސް ނަމާދުގެ ޖަމާއަތް ކުރިއަށް ދަނިކޮށެވެ. ފަތިސް ނަމާދުގެ ޖަމާއަތް ފަށައިގެން ކުރިއަށް ދިޔަ އިރު، ހަމަލާ ދިން މީހާ ހުރީ މިސްކިތުގެ ތިން ވަނަ ސަފުގަ އެވެ.

ހުދު ކުލައިގެ ހުޑީއެއް (ބޮލަށްކޮށްޕިއަކާ އެކު ހުންނަ ޓީޝާޓެއް) ލައިގެން ހުރި އެމީހާ، ރުކޫއުން ނިމިގެން އެންމެން ސަޖިދައަށް ދިއުމާއެކު އޭނާގެ ޓީޝާޓުގެ އަތުކުރީގައި ފޮރުވާފައި އޮތް ވަޅިއެއް ނަގަމުން، ސަޖިދަ އަށް ތިބި މީހުންގެ ގައިމަތިން ގިރާކުރަމުން އިމާމް ސައްޔިދު އައްނަގީބް، 65، އާ ދިމާލަށް ދެ އެވެ. އަދި އެންމެން ސަޖިދައިގައި ތިއްބައި އިމާމް މީހާގެ ބުރަކައްޓަށް ދެ ފަހަރު ވަޅި ހެރުމަށް ފަހު، އެންމެންގެ ގައިމަތިން ހުރަސްކުރަމުން މިސްކިތުން ދުއްވައިގަނެ އެވެ.

އެމީހާ ވަޅި ހެރުމާއެކު، އޭނާ ހިފެހެއްޓުމަށް އިމާމް މީހާ ގޮވައިލަ އެވެ. އެހެން ގޮވައިލިތާ މާ ގިނައިރުތަކެއް ނުވަނީސް އިމާމް މީހާ ޚަބަރު ހުސްވެގެން ވެއްޓެ އެވެ. އެއާ އެކު މިސްކިތުގައި ތިބި 200 ވަރަކަށް މީހުން އެ މީހާގެ ފަހަތުން މިސްކިތުން ބޭރަށް ދުވެފައި ގޮސް، އޭނާ އެ ސަރަހައްދުން ފިލައިގެން ދިއުމުގެ ކުރިން އަތުލައިގަނެ ފުލުހުން އަންނަންދެން އޭނާ ހިފެހެއްޓީ އެވެ.

މި ހާދިސާގައި މިސްކިތުގެ އިމާމަށް ހަމަލާ ދިނީ، ފުލުހުން ބުނި ގޮތުގައި، ސަރީފް ޒޮރްބާ ކިޔާ 32 އަހަރުގެ ޒުވާނެކެވެ. އެ މިސްކިތަށް ނަމާދަށް ދާ މީހުން ބުނި ގޮތުގައި ސަރީފް ޒޮރްބާ އަކީ އެ މިސްކިތަށް އާންމުކޮށް އަންނަ މީހެއް ނޫން ނަމަވެސް، ހަމަލާ ދިނުމުގެ ކުރިން އެއް ފަހަރު އެ މިސްކިތުގެ ޖަމާއަތަށް ހާޒިރުވި އެވެ.

މި ހާދިސާއަށް ފަހު ޕެޓާސަންގެ ފުލުހުން ބުނީ، އެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައިވެސް ޖަމާއަތުގައި ނަމާދު ކުރާ ވަގުތުތަކުގައި މިސްކިތްތަކުގެ ކައިރީގައި ފުލުހުން ސަލާމަތީ ކަންތައް ބަލަހައްޓަމުން ދާނެ ކަމަށެވެ. މި ހާދިސާ ހިނގި އިރު ވެސް، މި ރޯދަ މަހުގެ ދުވަސްތަކާއި ރޭތަކުގައި މިސްކިތްތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުން ސަލަމަތީ ކަންތައް ބަލަހައްޓަމުން ދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

މިސްކިތުގެ އިމާމް އަށް ހަމަލާ ދިން މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ހަމަލާ ދިނުމުގެ މަގްސަދަކީ ކޮބައިކަމެއް މިހާތަނަށް މުޅިން ސާފުނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން މިސްކިތުގެ އިމާމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް، މުސްލިމް އަންހެނަކާ ކާވެނި ބައްލަވައިގެން އުޅުއްވާ އެ ސަރަހައްދުގެ މޭޔަރު އަންދްރޭ ސަޔޭގް ވިދާޅުވި އެވެ. އަދި މި ހަފުތާގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ބަދަލުކުރާނެ ކަމަށާއި، އަންނަ ހަފުތާގެ ބަންދުގައި ފާހަގަކުރާ އީދުގައި އިމާމް ވެސް ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.