މިނެސޮޓާ (އޮގަސްޓް 8) - އެމެރިކާގެ މިނެސޮޓާގެ ބްލޫމިންޓަންގެ މިސްކިތެއްގައި އައިއީޑީއެއް ގޮއްވާލައިގެން ދީފައި ވަނީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އެ ސްޓޭޓުގެ ގަވަރުނަރު މާކް ޑޭޓަން ވިދާޅުވެއްޖެ އެވެ.

ދާރުލް ފާރޫގު އިސްލާމިކް ސެންޓަރުގައި އައިއީޑީ ގޮއްވާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފަތިސް ނަމާދު ވަގުތު އެވެ. ބޮން ގޮއްވާލުމުގެ ސަބަބުން މިސްކިތުގެ ކުޑަ ދޮރުތައް ތަޅައިގެން ގޮސް އިމާމުގެ ކޮޓަރި އަށް ވަނީ ގެއްލުންތައް ލިބިފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ޑޭޓަން ވިދާޅުވީ މިސްކިތަށް ދިން ގެއްލުމަކީ ހަނދާނުން ފުހެވިގެން ނުދާނެ ފިނޑި އަމަލެއް ކަމަށެވެ.

"މި ހަމަލާ ދިން މީހުން ގާނޫނުގެ ކުރިމައްޗަށް ހާޒިރު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު،" މިސްކިތުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑޭޓަން ވިދާޅުވި އެވެ.

ޑޭޓަންއާ އެކު ސްޓޭޓުގެ ރެޕްރެޒެންޓެޓިވް އަދި ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ސޯމާލިއާ-އެމެރިކާ ދަރިކޮޅުގެ މެންބަރު އިލްހާމް އުމަރާއި ކޮންގްރެސް އަށް އިންތިޚާބު ކުރި ފުރަތަމަ މުސްލިމް މެންބަރު ކެއިތު އެލިސަން ވެސް މިސްކިތް ބައްލަވާލެއްވުމަށް ވަޑައިގެންނެވި އެވެ.

މިސްކިތުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އުމަރު ވިދާޅުވީ މިސްކިތުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމަށް ފަހު މިސްކިތުގެ ޕާކިން ޒޯނުން ނުކުމެގެން ބާރު ސްޕީޑުގައި ޓްރަކެއް ދިޔަ މަންޒަރު ބައެއް މީހުންނަށް ފެނިފައިވާ ކަމަށެވެ.

މިސްކިތަށް ދިން ހަމަލާ ދަނީ އެފްބީއައި އިން ތަހުގީގު ކުރަމުންނެވެ.

ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްގެ މިނެސޮޓާ ޗެޕްޓަރުން ބުނީ ހަމަލާ ދިން މީހުން ހޯދަން މަގުފަހިވާ ފަދަ މައުލޫމާތެއް ދިން ފަރާތަކަށް 10،000 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށެވެ. މުސްލިމް އެމެރިކަން ސޮސައިޓީ އޮފް މިނެސޮޓާ އިން ވެސް ވަނީ ހަމަލާ ދިން މީހުން ހޯދި ފަރާތަކަށް 10،000 ޑޮލަރު ހުށަހަޅައިފަ އެވެ.

މިސްކިތަށް ދިން ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ވަނީ ފަންޑު ހޯދުމުގެ ޕްރޮގްރާމެއް ފަށައިފަ އެވެ. ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ވަނީ 40،000 ޑޮލަރު ލިބިފަ އެވެ.

އެމެރިކާގައި 3.3 މިލިއަން މުސްލިމުން އުޅެ އެވެ. މިއީ އެ ގައުމުގެ އާބާދީގެ އެއް ޕަސެންޓެވެ. މިނެސޮޓާގައި ސޯމާލިއާ ދަރިކޮޅުގެ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެ އެވެ. ދާރުލް ފާރޫގު އިސްލާމިކް ސެންޓަރު އާއްމުކޮށް ބޭނުން ކުރަނީ ވެސް ސޯމާލިއާގެ މުސްލިމުންނެވެ. މިނެސޮޓާގެ އޮފިޝަލުން ބުނީ 2016 ވަނަ އަހަރުން ފެށިގެން މުސްލިމުންނާ ދެކޮޅު 14 ހަމަލާ ދީފައިވާ ކަމަށެވެ.

މިސްކިތުގައި ބޮން ގޮއްވުން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަ ކުރައްވާފައި ނުވާތީ ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ބުނެފައި ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ފަހު މުސްލިމުންނާ މެދު ތަފާތު ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާ އަށް ވަންނަ މުސްލިމުން މަނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް ވަނީ މުސްލިމް ބައެއް ގައުމުތަކުގެ މީހުންނަށް ވިސާ ދިނުން ހުއްޓާލައިފަ އެވެ.