ނިއު ޖާޒީ (މެއި 31) - އެމެރިކާގެ ނިއު ޖާޒީގައި މިސްކިތެއް އަޅަން ހުއްދަ ނުދިން މައްސަލަ ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގު ކުރަން ފަށައިފި އެވެ.

ނިއު ޖާޒީގެ ސިޓީއެއް ކަމަށްވާ ބެޔޫންއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެ ސިޓީގެ މުސްލިމް ޖަމާއަތަކުންނެވެ. ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ ނިއު ޖާޒީގައި ހުންނަ އެޓާނީ ޖެނެރަލްގެ އޮފީހާއި ވޮޝިންޓަނުގައި ހުންނަ ޖަސްޓިސް ޑިޕާޓްމަންޓުގެ ސިވިލް ރައިޓްސް ހެޑްކުއާޓަރުން އެ މައްސަލަ މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ.

ދީނީ ކަންކަމަށް ބިން ދޫކުރުން މަނާ ކުރާ ގާނޫނެއް އެމެރިކާގައި ނެތް ނަމަވެސް ބެޔޫން ސިޓީގެ އޮފިޝަލުން ބުނަނީ މިސްކިތް އަޅަން ބިން ނުދިން ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އެ ސަރަހައްދުގައި ޕާކު ކުރާނެ ޖާގަ ނެތުން ކަމަށެވެ. ޚާއްސަކޮށް ހުކުރު ދުވަހު ހުކުރު ނަމާދަށް ގިނަ ބަޔަކު އަމިއްލަ ވެހިކަލުގައި އަންނާނެތީ ޕާކު ކުރުމަކީ ބޮޑު މައްސަލައަކަށް ވާނެ ކަމަށް ޓައުން ޕްލޭނަރުން ލަފާދީފައިވާ ކަމަށް އެ ސިޓީން ބުނެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ މިސްކިތް އަޅަން ހުއްދަ ނުދިނީ މުސްލިމުންނާ މެދު ތަފާތު ކުރާތީ ކަމަށެވެ. އަދި ފައްޅި އަޅަން ހުއްދަ ދޭއިރު ޕާކިންގެ މައްސަލަ ދިރާސާ ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނިއު ޖާޒީގެ ބެޔޫންގައި 60،000 މީހުން ދިރިއުޅެ އެވެ. ބެޔޫންގެ މުސްލިމުން ބޭނުން ވަނީ މިސްކިތް އަޅަން 23،0000 އަކަ ފޫޓުގެ ސަރަހައްދެކެވެ. ނަމާދު ކުރާ ހޯލުގެ އިތުރުން ކްލާސްރޫމްތަކާއި އޮފީހާއި ލައިބްރަރީ އަދި ޖިމެއް ވެސް އެ ތަނުގައި ހަދަން ވަނީ ޕްލޭންކޮށްފަ އެވެ.

އެމެރިކާގެ ބައެއް އެހެން ސިޓީތަކުގައި ވެސް މިސްކިތް އަޅަން ހުއްދަ ނުދިން މައްސަލަ ވަނީ ކޯޓު މަރުހަލާގަ އެވެ.