މިނެސޮޓާ (އޮގަސްޓް 6) - އެމެރިކާގެ މިނެސޮޓާގެ ބްލޫމިންޓަންގެ މިސްކިތެއްގައި ރޭ ފަތިހު ބޮމެއް ގޮއްވާލައިފި އެވެ.

ދާރުލް ފާރޫގު އިސްލާމިކް ސެންޓަރުގައި ބޮން ގޮއްވާލުމުގެ ސަބަބުން ބައެއް ގެއްލުންތަައް ވަނީ ލިބިފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ބޮން ގޮއްވާލި އިރު ފަތިސް ނަމާދަށް ވަނީ ބައެއް މީހުން މިސްކިތަށް ޖަމާވެފަ އެވެ. ސްޓާ ޓްރިބިއުން ނޫހުން ބުނި ގޮތުގައި އެ ވަގުތު މިސްކިތުގައި 15-20 މީހުން ތިބޭނެ އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ވަނީ ތަހުގީގު ޓީމެއް ފޮނުވައިފަ އެވެ. އެފްބީއައި އިން ބުނެފައި ވަނީ މިސްކިތުގައި ގޮއްވާލާފައި ވަނީ އައިއީޑީއެއް ކަމަށެވެ.

ހަމަލާގެ ކުރިން އެ މިސްކިތަށް ބޮމުގެ އިންޒާރުތައް ލިބެމުންދިޔަ ކަމަށް އޮފިޝަލުން ބުނެ އެވެ.

މިސްކިތުގައި ބޮން ގޮއްވުން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަ ކުރައްވާފައި ނުވާތީ ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ބުނެފައި ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ފަހު މުސްލިމުންނާ މެދު ތަފާތު ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާ އަށް ވަންނަ މުސްލިމުން މަނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް ވަނީ މުސްލިމް ބައެއް ގައުމުތަކުގެ މީހުންނަށް ވިސާ ދިނުން ހުއްޓާލައިފަ އެވެ.