ޓްރެފިކް ގަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުވަން، ލިޓަސް އިން "ރައްކާވެ ތިބިއްޔާ ދަތުރު"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލާއި ގޭތެރޭގެ ސާމާނު ވިއްކާ ފިހާރައިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، ޓްރެފިކް ގަވާއިދުތަކާ ގުޅޭގޮތުން ކޮންމެ ކަސްޓަމަރަކަށް ތިން ސުވާލު ކުރާނެ ކަމަށެވެ. އަދި ރަނގަޅު ޖަވާބުދޭ ކޮންމެ ސުވާލަކަށް އިނާމެއްގެ ގޮތުން 1،000ރ. ގެ ޑިސްކައުންޓެއް ދޭނެ ކަމަށް ލިޓަސް އިން ބުންޏެވެ.
"މިއީ ޕްރޮމޯޝަނަލް އޮފާ އަކާ އެކު ކުރިއަށް ގެންދާ އެވެއާނަސް ކެމްޕޭނެއް. އަޅުގަނޑުމެން ބޭނުންވަނީ ކަސްޓަމަރުން ވީހާ ވެސް ބޮޑަކަށް ޓްރެފިކް ގަވާއިދުތަކަށް، ހާއްސަކޮށް ބާރު ސްޕީޑުގައި ދުއްވުމާ ދެކޮޅަށް ހެދިފައި ހުންނަ ގަވާއިދުތަކަށް އަހުލުވެރި ކުރުވުން،" ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިއީ ކަސްޓަމަރުން ވީހާވެސް ބޮޑަށް ގަވާއިދަށް ހުރުމަތްތެރިކޮށް، ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
ލިޓަސް އިން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ހިންގާ ހުރިހާ ފިހާރަތަކެއްގައި ވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.