ޅ. ނައިފަރު ފަންނާނުންތަކެއްގެ ހިއްސާއާ އެކު އުފައްދާ ފިލްމް "މަރިޔަމް މާ" ގެ ޝޫޓިން ފަށައިފި އެވެ.
ކުރިން ވެސް ތާވަލުކުރި ގޮތަށް ފިލްމުގެ ޝޫޓުން ފެށީ ބުދަ ދުވަހު އެވެ. "މަރިޔަމް މާ" އަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ޝާޒް ސައީދުގެ ލޯބީގެ ބިރުވެރި ވާހަކައަކަށް، އޭނާ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ހުރިހާ މަންޒަތެއް ނައިފަރުގައި ނަގާ ފިލްމުގެ ޝޫޓިން އަށް ނަގާމީ ތިން މަސް ދުވަސް ކަމަށް ޝާޒް ބުންޏެވެ.
"ކުރިން ވެސް ހަމަ ޕްލޭން ކުރި ގޮތަށް ފިލްމްގެ މަސައްކަތް ކުރިއަށް ދާނެ. އަހަރެމެން ހަމަ ރޭވި ތާރީހަށް ފިލްމްގެ ޝޫޓިން ވެސް މި ފެށީ،" ޝޫޓިން މި މަހުގެ 15 ގައި ފަށާނެކަން ކުރިން ވެސް އިއުލާންކޮށްފައިވާކަން ފާހަގަކޮށް ޝާޒް ބުންޏެވެ. "އިރާދަކުރެއްވިއްޔާ މުޅި ޕްރޮޖެކްޓް ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ."
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ޝާޒް ލިޔެފައިވާ ވާހަކައަކަށް "މަރިޔަމް މާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަލީ ސައީދެވެ. މީގައި ކިޔައި ދޭނީ އިސްތިރި ވަރިތޮޅި ހަދައިގެން އަންހެން ކުއްޖެއްގެ ލޯބި ހާސިލު ކުރަން ކުރާ ކަންތައްތަކެއްގެ ތެރެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކެވެ.
ދިވެހި ސިނަމާ އަށް މުޅިން ވެސް އާ މޫނުތަކެއް ތައާރަފުކޮށްދޭ މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގަ އެވެ. ހަ ލައްކަ ރުފިޔާގެ ބަޖެޓަކުން ހަދާ މި ފިލްމަކީ ޝާޒްގެ ސްޓޫޑިއޯ ސުޕަ މިއުޒިކް ފެކްޓްރީ އާއި ނައިފަރުގެ ހޯމް ގެލެރީ އާޓްސް ފިލްމް ގުޅިގެން ހަދާ ފިލްމެކެވެ.