މަގުބޫލު ސްޓްރީމިން ސާވިސް ނެޓްފްލިކްސް އާއި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ފުރަތަމަ ފަހަރަށް ޓީވީ ސިލްސިލާއެއް ހަދަން ނިންމައި، އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ނެޓްފްލިކްސް އާއި ރެޑް ޗިލީޒް ގުޅިގެން 8 އެޕިސޯޑް އެކުލެވޭ ގޮތަށް ހަދާ ސިލްސިލާއަކީ އިންޑިއާގެ ޒުވާން ލިޔުންތެރިޔާ ބިލާލް ސިއްދީގީގެ ވާހަކަ "ބާޑް އޮފް ބްލަޑް" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. ކަބީރް އާނަންދު ކިޔާ މީހެއްގެ ވަށައިގެން ހިނގާ ސިޔާސީ ކަންތައްތަކެއްގެ ވާހަކަ ކިޔައިދޭ މި ސިލްސިލާ ނެޓްފްލިކްސްގެ 109 މިލިއަން މެމްބަރުންނަށް ފެނިގެން ދާނެ އެވެ.
"ބާޑް އޮފް ބްލަޑް" ހަދަން ނިންމާފައި ވަނީ އިނގިރޭސި، ހިންދީ އަދި އުރުދޫގެ އިތުރުން ވެސް ބައެއް އެހެން ބަހުރުވަތަކުންނެވެ.
ނެޓްފްލިކްސްއާ އެކު ހެދި އެއްބަސްވުމާ ބެހޭ ގޮތުން ޝާހްރުކް ބުނީ މި ހިސާބަށް އާދެވުނީ މިކަމަށް މަސައްކަތް ކުރާތާ ވަރަށް ދުވަސްތަކެއް ފަހުން ކަމަށެވެ.
"އަހަރެމެން ދެ ފަރާތް ގުޅިގެން އިންޑިއާގެ ވަރުގަދަ ކޮންޓެންޓެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ވާހަކަ ދައްކާތާ ދުވަސްތަކެއް ފަހުން އެއްބަސްވުމަކާ ހަމައަށް މި އާދެވުނީ،" އޭނާ ބުންޏެވެ. "މީގެ ކުރިން ވެސް އެބަހުރި އިންޑިއާގެ ވާހަކަ އިންޓަނެޝަނަލް އޯޑިއަންސަށް ވަރަށް ކާމިޔާބުކަމާ އެކު ކިޔައި ދީފައި. އެހެންވެ އަހަރެމެންގެ ޓާގެޓަކީ ވެސް ހަމަ އިންޑިއާގެ ވާހަކަތަކެއް އިންޓަނޭޝަނަލް އޯޑިއަންސަށް ފޯރުކޮށް ދިނުން. ނެޓްފްލިކްސްއަކީ މިކަމަށް އޮތް އެންމެ ރަނގަޅު އެއް ޕްލެޓްފޯމް."
ނެޓްފްލިކްސްގެ ފައުންޑާ އަދި ސީއީއޯ ރީޑް ހެސްޓިންގްސް ބުނީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ސްޓޫޑިއޯ ކަމަށްވާ ރެޑް ޗިލީޒްއާ އަތުގުޅާލެވުމަކީ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ އޮރިޖިނަލް އުފެއްދުންތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ކުރާ މަސައްކަތްތަކުގައި ގިރާކޮށްލެވުނު އިތުރު ހަރުފަތެއް ކަމަށް ބުންޏެވެ.
"މީގެ ސަބަބުން ރެޑް ޗިލީޒްގެ ނަން ބޭރު ގައުމުތަކުގައި އިތުރަށް ވިދާލައި، އެ ސްޓޫޑިއޯގެ ގާބިލްކަން ވެސް އިތުރަށް ސާބިތުވެގެން ދާނެ،" އޭނާ ބުންޏެވެ. "އިންޑިއާގެ ޒުވާންނުންނާ އެކު މަސައްކަތްކޮށްލުމުގެ ޝައުގުވެރިކަން އަހަރެމެންގެ ވަރަށް ބޮޑު."
ރީޑް ވަނީ ބިލާލްގެ ވާހަކަ "ބާޑް އޮފް ބްލަޑް" އަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
ނެޓްފްލިކްސް އާއި ރެޑް ޗިލީޒް ގުޅިގެން ހަދާ ސިލްސިލާ އިއުލާން ކުރި ނަމަވެސް، އޭގެ ކާސްޓުންނާއި ޑައިރެކްޓަރާއި ބެލުންތެރިންނާ ހަމައަށް ސިލްސިލާ ގެނެސް ދޭން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް އެކްޓަރާއި އެތައް ބަޔަކު މިހާރު ބަރޯސާވެފައި އޮތް ނެޓްފްލިކްސް އިން އާދައިގެ އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ނުދޭނެކަން އެއީ ކަށަވަރު ކަމެކެވެ. ޔަގީނުން ވެސް "ބާޑް އޮފް ބްލަޑް" ވެގެން ދާނީ އެތައް ބަޔަކު އިންތިޒާރު ކުރާނެ އެއްޗަކަށެވެ.