12 ބުރީގެ އިމާރާތް ހަދަނީ ބިހުރޯޒު ކަމަނާ މިސްކިތާ ޖެހިގެން ހުރި ގުދަނުގައި

ބިހުރޯޒު ކަމަނާ މިސްކިތް ތަޅާލުމަށް ނިންމާފައި ނުވާ ކަމަށާއި 12 ބުރީގެ އިމާރާތެއް ހަދަނީ އެ މިސްކިތާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބިހުރޯޒު ކަމަނާ މިސްކިތް ބަންދު ކުރީ އެ ތަނުން ގަބުރު ފެނިގެން އެ ތަން ސާފު ކުރުމަށާއި މިސްކިތުގެ ގޯތި ތެރޭގައި އޮތް ބައި ހިޔާކޮށް، ގިނަ ބަޔަކަށް މިސްކިތަށް ނަމާދަށް އެރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެކަމަކު، ރަށްދެބައި މަގުގައި ސީއެޗްއެސްއީ ކައިރީގައި ހުންނަ ބިހުރޯޒް މިސްކިތް އަލުން ހުޅުވާނެ ތާރީހެއް އިސްލާމިކް މިނިސްޓްރީން ނުބުނެ އެވެ.

ބިހުރޯޒު މިސްކިތް ތަޅާލައި، އެތަނުގައި 12 ބުރީގެ އިމާރާތެއް އަޅަން އެއްވެސް އިރެއްގައި ނިންމާފައި ނުވާ ކަމަށާއި 12 ބުރީގެ އިމާރާތެއް އަޅަނީ މިސްކިތާ ޖެހިގެން ހުރި މިނިސްޓްރީގެ ގުދަނެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ، 1500 އަކަފޫޓުގެ ބޮޑު ގުދަނެކެވެ.

"އެ ގުދަނަކީ އިސްލާމިކް މިނިސްޓްރީގެ އެކިއެކި ސާމާނު ބެހެއްޓުމަށް ބޭނުން ކުރި ގުދަނެއް. އެ ގުދަނުގައި މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނީ،" އޭނާ ވިދާޅުވި އެވެ.

ބިހުރޯޒު މިސްކިތާއި މާލޭގެ އިތުރު މިސްކިތެއް ކަމުގައިވާ މަސްޖިދުލް އިމާމް އާދިލްގައި 12 ބުރީގެ މަލްޓިޕާޕަސް ދެ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެކަމަކު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީއާ އެކު ކުރިއަށް ގެންދާ އެ ދެ މަޝްރޫއުގެ ތަފްސީލެއް ނެތެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އިމާރާތް އަޅާނީ އެއްވެސް މިސްކިތަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށެވެ.

ބަޖެޓުގައިވާ ގޮތުން މިއިން ކޮންމެ ތަނެއް ތަރައްގީ ކުރަނީ ފަސް މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މިސްކިތްތައް އަޅާތީ ވެސް އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ. އެކަމަކު، މި ސަރުކާރުން 40 އަށް ވުރެ ގިނަ މިސްކިތް އަޅާފައިވާ ކަމަށާއި އިތުރު މިސްކިތްތައް އާ ކޮންސެޕްޓުތަކާއެކު އަޅަމުންދާނެ ކަމަށް ވިދާޅުވި އެވެ.

ޗެނަލް 13 އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ބިހުރޯޒު މިސްކިތް ތަޅާލާ ވާހަކައަކީ ރައްޔިތުން މަގުފުރެއްދުމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. ޒިޔާދު ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ދީނީ ކަންކަމަށް ކަމޭ ހިތާ ސަރުކާރެކެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އެކަން ދައްކައިދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.