ޔޫކްރެއިންގެ ވައިގެ ސަރަހައްދުން ދަތުރު ކުރަނިކޮށް 2014 ވަނަ އަހަރު ވައްޓާލި މެލޭޝިއަން އެއާލައިންސް އެމްއެޗް17 މަތިންދާބޯޓުން ދަތުރުކުރި ފަސިންޖަރުންގެ އާއިލާތަކުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ރަޝިޔާ ސަރުކާރުގެ ފަރާތުން ބަދަލު ހޯދުމަށް ހެދި ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓަށް ހުށަހަޅައިފި އެވެ.
ރަޝިޔާ އިން އުފައްދާފައިވާ މިސައިލަކުން ހަމަލާ ދީ ވައްޓައިލި އެ ބޯޓުން ދަތުރުކުރި 298 ފަސިންޖަރުން ވަނީ އެ ހާދިސާގައި މަރުވެފަ އެވެ. މި ޖަރީމާގެ ފަހަތުގައިވަނީ ރަޝިއާ އިން މަދަދު ދޭ ޔޫކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން ކަމަށް ޔޫކްރޭން ސަރުކާރުންނާއި ހުޅަނގުގެ ގައުމުތަކުން ބުނަމުން ދާ އިރު، ރަޝިއާ އިން އިނގިލި ދިއްކުރަނީ ޔޫކްރޭނުގެ އަސްކަރިއްޔާއަށެވެ.
އައިލާތަކުން ބަދަލުގެ ގޮތުގައި އެދިފައިވަނީ ކޮންމެ ފަސިންޖަރަކަށް 7.2 މިލިއަން ޑޮލަރު ހޯދުމަށެވެ. ދައުވާ ރައްދުވާ ފަރާތުގެ ގޮތުގައި ސީދާ ރަޝިއާގެ ރައީސާއި މުޅި ދައުލަތް ހިމަނާފައިވެ އެވެ.
ދައުވާ ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވާ ވަކީލަކު އޮސްޓްރޭލިއާގެ މީޑިއާގައި ބުނެފައިވަނީ، ފަސިންޖަރުންގެ އައިލާތަކަށް އެއީ ސީދާ "ކުށެއް" ކަން އެނގިތިބެ، އާންމު ދިރިއުޅުމަށް ރުޖޫއަވާން އުނދަގޫވެފައިވާ ކަމުގައެވެ.
"ރަޝިއާ އަކަށް ނެތް ޔޫކްރޭނާއި ދެކޮޅަށް އެއްވެސް ހެއްކެތް ދެއްކޭކަށް. އެކަމަކު ރަޝިއާ އާއި ދެކޮޅަށް އަޅުގަނޑުމެން އަތުގައި އެބަހުރި ފޮޓޯ އާއި ލިޔެކިޔުންތަކާއި، ބައިވަރު ހެކިތައް،" ވަކީލު ވިދާޅުވިއެވެ.