އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް އަންނަ އަހަރުން ފެށިގެން 19 އަހަރުން ދަށަށް ހާއްސަކޮށް ބާއްވަން އެފްއޭއެމުން މަސައްކަތް ފަށައިފި އެވެ.

އެ އެސޯސިއޭޝަނުގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ 21 އަހަރުން ދަށުގެ މުބާރާތް ބޭއްވުމުގެ މަގުސަދު ވަރަށް ބޮޑަށް ހާސިލްވެއްޖެ ކަމަށާއި އޭގެ ހެއްކަކީ އެ އުމުރުފުރާގެ ގިނަ ކުޅުންތެރިން މިހާރު ސީނިއާ ޓީމުތަކުގައި ތިބުން ކަމަށާއި އެ މުބާރާތާ އެކު ގިނަ ކުޅުންތެރިންތަކެއް ނެރެވިއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ 19 އަހަރުން ދަށަށް ހާއްސަކޮށްން ބާއްވަން ފަށާއިރު ވިސްނުން ހުރީ މިހާރަށް ވުރެ ރަނގަޅަށް ފެބްރުއަރީ މަހު އެ މުބާރާތް ބޭއްވުން ކަމަށެވެ. މާލޭ ލީގުގެ ކުރިން އެ މުބާރާތް ބޭއްވުމުގެ ވިސްނުމަކީ ކްލަބްތަކަށް ކުޅުންތެރިން ހޯދަން ފަސޭހަކޮށްދިނުން ކަމަށް ސާންތީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްލަބް ލައިސަންސިން ގަވާއިދުގެ ދަށުން އަންނަ އަހަރުން ފެށިގެން ކޮންމެ ކްލަބެއްގައި ވެސް 19 އަހަރުން ދަށުގެ ޓީމެއް އޮތުން އެއީ މަޖުބޫރުކަމެއް ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށާއި އެގޮތުން 19 އަހަރުން ދަށަށް ބަދަލުކޮށްފި ނަމަ އިތުރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ ކަމަށެވެ.

"އެފްއޭއެމްގެ ވިސްނުމަކީ 19 އަހަރުން ދަށަށް ދަށްކުރުން. އޭރުން ގިނަ ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ. (މިހާރު ވެސް) 21 އަހަރުން ދަށުގެ ކުޅުންތެރިން ޓޮޕް ލީގުގައި ކުޅެމުން އަންނަނީ،" ޖަވާޒް ވިދާޅުވި އެވެ.

އެފްއޭއެމުން 2011 ވަނަ އަހަރު ތައާރަފްކުރި މުބާރާތުން މިހާތަނަށް ގިނަ ކުޅުންތެރިންތަކެއް ވަނީ އުފެދިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ޑިފެންޑަރު ކަމަށްވާ މާޒިޔާގެ އަމްދާން އަލީ (އެންޑީ) އާއި އެ ޓީމުގެ އަހުމަދު އިމާޒް (އާއްކޮ) ހިމެނެ އެވެ. އަދި ކްލަބް އީގަލްސްގެ އަންސަރު އިބްރާހީމާއި އިބްރާހިމް މުބީން (މުއްކި) ވެސް ވިދާލީ މި މުބާރާތުންނެވެ.

އާއްމުކޮށް ގިނަ ކްލަބްތަކުން ވަރަށް ބޮޑަށް ޝައުގުވެރިވާ މުބާރާތް މި ފަހަރު ދިޔައީ ކުރިއަށް ވުރެ ފޯރިކުޑަކޮށެވެ. އެންމެ ހަތަރު ޓީމު ބައިވެރިވިއިރު ބައެއް ކްލަބްތަކުން ބައިވެރިނުވީ ސީޒަނުގެ ފަހުކޮޅަށް ވުމުން އަންނަ އަހަރަށް ތައްޔާރުވާން މި ވަގުތު ހުސްކުރަން ޖެހޭތީ އެވެ. މާޒިޔާ އަތުން މޮޅުވެ އީގަލްސް އިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ތަށި ހޯދުމާ އެކު އެ ޓީމު ވެފައިވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.