ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވަލްޝިޗޭވްގެ ހެޓްރިކުން 3-1 އިން ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފި އެވެ. ޕްލޭއޮފުގައި އެ ޓީމު ވާދަކުރަން ޖެހޭނީ އިންޑިއާގެ ބެންގަލޫރާ އެވެ.
ސައިފްގެ މައްޗަށް ޓީސީ ކުރިހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ބެންގަލޫރު ވަނީ ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑް އަތުން 3-0 އިން މިރޭ މޮޅުވެފަ އެވެ. ޕްލޭއޮފް ބުރުގައި ބެންގަލޫރާ ދެކޮޅަށް ޓީސީ މާލޭގައި ކުޅޭ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހުގަ އެވެ. އިންޑިއާގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 20 ވަނަ ދުވަހު އެވެ.
މި މެޗު ބަލަން ދަނޑަށް ހަތަރު ހާހެއްހާ ސަޕޯޓަރުން ދަނޑަށް ވަންއިރު، އޭގެ ތެރެއިން ގިނައީ ސައިފަށް ސަޕޯޓްކުރަން ވަން ބަންގްލަދޭޝް މީހުންނެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝް ކުޅުނު މެޗަށް ވެސް ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ދަނޑަށް ވަނެވެ.
މިރޭގެ މެޗުގައި ވެސް ޓީސީގެ ގޯލު ބެލެހެއްޓީ ބަންގްލަދޭޝްގައި ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ކުޅުނު ބަދަލު ކީޕަރު އިބްރާހިމް ނަދީމް އެވެ. އެއީ ޓީސީގެ ބެލަރޫސް ގޯލްކީޕަރު ޑިމިޓްރީ އަސްނިން އަނިޔާގައި ހުރުމުންނެވެ.
އޭއެފްސީ ކަޕްގައި ފުރަތަމަ ފަހަރަށް ޓީސީން މިރޭ މާލޭގައި ކުޅުނުއިރު މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ޓީސީން ލިބޭ ފުރުސަތުތަކުގައި ކުރިއަށް ޖެހިގެން ކުޅެން މަސައްކަތްކުރި ނަމަވެސް ސައިފުން ދިޔައީ ރަނގަޅަށް ޑިފެންސްކުރަމުންނެވެ.
ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިޝާން އިބްރާހިމް (ސައްޓު) އަށް ލިބޭ ބޯޅަތައް މަދުވުމުން އެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ހަމަލާތައް ފޮނުވާ ނުލެވުނެވެ. އަދި މި ދެ ކުޅުންތެރިންނަށް ލިބޭ ބޯޅަތަކުގައި ޓީސީގެ އެޓޭކަށް ގިނަ ކުޅުންތެރިން ނާރާތީ ބޭނުމެއް ނުހިފެ އެވެ.
މެޗުގެ ފުރަތަމަ 15 މިނިޓަށް ފަހު ޓީސީން މެޗުގެ ކޮންޓްރޯލް މެދުތެރެއިން ހޯދައިގެން ކުޅެން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 22 ވަނަ މިނިޓްގައި ޓީސީ އަށް ލީޑުނަގައިދިނީ ރަށުންބޭރުގައި ވެސް އެެ ޓީމަށް ލަނޑު ޖަހައިދިން އަނަޓޯލީ ވްލަޝިޗޭވް އެވެ. އޭނާ މި ލަނޑު ޖެހީ މުހައްމަދު ސާމިރު ނަގައިދިން ކޯނަރަކުން ބޮލުންނެވެ.
ޓީސީން ލީޑުނެގުމާ އެކު ސައިފުން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް ކިންގްސްލީ ޗިގޯޒީ އާއި އިނގިރޭސި ފޯވާޑް ޗާލީ ޝެރިންހަމް އަށް ކުޅޭ ބޯޅަތައް ގިނަވުމުން ޓީީސީގެ ފަހަތަށް ބާރުބޮޑުވާން ފެށި އެވެ.
ސައިފަށް އެއްވަރުކޮށްދިނީ މެޗުގެ 33 ވަނަ މިނިޓްގައި ކޮލަބިއާގެ ޑިފެންޑަރު ޑެއިނޭ އަންދްރެސް އެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން ޑެއިނޭ މި ލަނޑު ޖެހީ ބޮލުންނެވެ. އެ ބޯޅަ އޭރިއާ ތެރެއިން ޑެއިނޭ ފޮނުވާލުމުން ގޯލަށް ވަންއިރު ޓީސީގެ ކުޅުންތެރިންނަށް އެ ބޯޅަ ދިފާއުކުރަން މާ ބޮޑު ކަމެެއް ނުކުރެވުނެވެ.
ހާފު ނިމުމުގެ ކުރިން ޓީސީ އަށް އަލުން ލީޑުނަގައިދޭން އެ ޓީމުގެ ސައްޓު އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް ސައްޓު ލިބުނު ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން އެ ބޯޅަ ސައިފުގެ ޑިފެންޑަރުން ވަނީ ބޭރުކޮށްލައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ބަދަލުތަށް ގެނެސްގެން ސައިފުން ޓީސީ އަށް ބާރުބޮޑުކުރި އެވެ. އަދި ލީޑުނަގާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދި އެވެ. އޭގެ ތެރެއިން ގިނަ ބޯޅަތައް އެ ޓީމުގެ ކުރިއަށް ކުޅޭ ޝެރިންހަމް އާއި ޗިގޯޒީ އަތުން ވަނީ ބޭކާރުވެފަ އެވެ. މި ގޮތުން އެންމެ ހުސް ފުރުސަތެއް މެޗުގެ 77 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނީ ޝެރިންހަމް އަށެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ޓީސީ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެޗުގެ ފަހު ވަގުތު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އއ. މާޅޮހަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު އާރިފް (އާރީ) އެވެ.
މެޗުގެ 83 ވަނަ މިނިޓްގައި އަނަޓޯލީ ޓީސީ އަށް ދެ ވަނަ ފަހަރަށް ލީޑުނަަގައިދިނީ ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ސައިފުގެ ޑިފެންޑަރުން އާރީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ފަހުން މެޗުގެ 88 ވަނަ މިނިޓްގައި އަނަޓޯލީ އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ކާމިޔާބުކުރި ހިލޭ ޖެހުން ހޯދީ ވެސް އާރީ އެވެ.