ތެލް އަވީވް (ފެބްރުއަރީ 14) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އިޒްރޭލް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޝްވަތާއި މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ވަރަށް ނަތަންޔާހޫގެ މައްޗަށް ހެކި ލިބިފައިވާ ކަމަށެވެ.
އިޒްރޭލް ޓީވީގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށާއި ބޮޑު ވަޒީރުކަމުގެ މަގާމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި މި ހުރިހާ ކަމެއް ނިމިގެންދާ އިރު އެއްވެސް ކަމެއް ސާބިތު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ކޮބާ؟
ނަތަންޔާހޫގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ އެއް ތުހުމަތުގައި އޭނާ ވަނީ ޔެޑިއޮޓް އަހަރޮނޮޓް ނޫހުން ޕޮޒިޓިވް ކަވަރޭޖް ގެނެސް ދިނުމަށް އެދިވަޑައިގެންފަ އެވެ. ބަދަލެއްގެ ގޮތުން ވާދަވެރި އެހެން ނޫހެއްގެ މައްޗަށް އަހަރޮނޮޓް ނޫހުން ކުރި ހޯދަން މަގު ފަހިކޮށްދޭން ނަތަންޔާހޫ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ފުލުހުން ބުނީ ޔެޑިއޮޓް އަހަރޮނޮޓް ނޫހުގެ އެޑިޓަރާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށެވެ.
ދެވަނަ ތުހުމަތުގައި ވަނީ ހޮލީވުޑުގެ ފިލްމު އުފައްދާ އިޒްރޭލުގެ ބިލިއަނަރެއް ކަމަށްވާ އާނޮން މިލްޗަން އަތުން މިލިއަން ޝެކެލްސް (283،000 ޑޮލަރު) ގެ ހަދިޔާ ނަތަންޔާހޫ ނަންގަވައިފަ އެވެ. ޖެރޫސަލް ޕޯސްޓުން ބުނެފައި ވަނީ ނަތަންޔާހޫ އަށް ހަދިޔާ ދީފައި ވަނީ މިލްޗަން އަށް އެމެރިކާ ވިސާ ހޯދައިދިނުމަށް ނަތަންޔާހޫ އެހީތެރިވެދޭ މަތިން ކަމަށެވެ. ފުލުހުން ބުނީ މިލްޗަންގެ މައްޗަށް ވެސް ދައުވާ ކުރާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ ބިލިއަނަރެއް ކަމަށްވާ ޖޭމްސް ޕާކާގެ އަތުން ނަތަންޔާހޫ އާއި އަނބިކަނބަލުން ސާރާ ހަދިޔާ ހޯއްދެވި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ނަތަންޔާހޫ އަށް ދެން ވާނީ ކިހިނެއް؟
ނަތަންޔާހޫގެ މައްސަލަ ޝަރީއަތަށް ފޮނުވުމާ މެދު ގޮތެއް ނިންމާނީ އެޓާނީ ޖެނެރަލް އެވެ. ޖަސްޓިސް މިނިސްޓަރު އާޔަލެތު ޝޭކަޑް ވިދާޅުވީ ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރި ނަމަވެސް އޭނާ އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށެވެ.
އިޒްރޭލް ޓީވީގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވެސް ވަނީ ބޮޑު ވަޒީރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އިޒްރޭލުގައި އާއްމު އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަތަންޔާހޫގެ ކޯލިޝަން ބަލިކަށިވެފައިވީ ނަމަވެސް ޓީވީ އިންޓަވިއުގައި އޭނާ ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ ސަބަބުން އަވަސް އިންތިޚާބެއް ބާއްވަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ނަތަންޔާހޫގެ ރައްދަކީ ކޮބާ؟
ނަތަންޔާހޫ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އޭނާގެ މައްޗަށް 15 އަށް ވުރެ ގިނަ ތަހުގީގު ހިންގާފައިވާ ކަމަށެވެ.
"އެ ހުރިހާ ކަމެއް ވެސް އެންމެ ފަހުން ނިމިފައި ވަނީ އެއްވެސް ކަމަކަށް ނުވެ. މި ފަހަރު ވެސް އެކަން ނިމިގެން ދާނީ އެގޮތަށް،" ނަތަންޔާހޫ ވިދާޅުވި އެވެ.
އުމުރުން 68 އަހަރުގެ ނަތަންޔާހޫ ވަނީ ދެ ފަހަރެއްގެ މަތިން އިޒްރޭލުގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. ނަތަންޔާހޫގެ ބޮޑު ވަޒީރުކަމުގެ 12 އަހަރު ތެރޭ އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ވަރަށް ގިނަ ތުހުމަތުތައް ކޮށްފަ އެވެ.
ނަތަންޔާހޫގެ ބޮޑު ވަޒީރުކަމުގެ ފުރަތަމަ ދައުރަށް ފަހު ފުލުހުން ވަނީ ނަތަންޔާހޫ އާއި ސާރާ އަށް ލިބިވަޑައިގެންނެވި ހަދިޔާތައް ދައުލަތާ ހަވާލު ކުރުމުގެ ބަދަލުގައި އަމިއްލަ އަށް ބޭނުންކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެ ދައުވާ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ޖުލައި 2015 ގައި ނަތަންޔާހޫ އާއި ސާރާގެ މައްޗަށް ވަނީ ސަރުކާރުގެ ފައިސާ އިން އަމިއްލަ ގެ މަރާމާތު ކުރި ކަމަށް ތުހުމަތު ކޮށްފަ އެވެ. އެ ދައުވާ ވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.