އިބޫ، ޖަލު ބަންދުގައި 9 ދުވަހު ބަހައްޓަން އަމުރުކޮށްފި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ބަންދަށް ނުވަ ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ.


ސިޔާސީ ޕާޓީތަކުން އިސް ނަގައިގެން ހިންގާ ހަރަކާތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އިބޫ ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު ބޭއްވި އިދިކޮޅު ޕާޓީތަކުގެ މުޒާހަރާގެ ބައިވެރިންނާ އެކު ޖުމްހޫރީ މައިދާނަށް ވަންނަވަން މަސައްކަތް ކުރެއްވުމުންނެވެ. އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

އިބޫގެ ބަންދަށް ނުވަ ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދިނީ، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. މިއީ، އިބޫ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރި ފުރަތަމަ ފަހަރެވެ.

އިބޫގެ ބަންދުގެ މުއްދަތު އިތުރު މިކުރީ، ރާއްޖެ އައިސް އުޅޭ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދާ މިއަދު ބައްދަލުކުރައްވައި އިބޫ ޖަލުން "ދޫކޮށްލި" ކަމަށް ޕީޕީއެމް މެމްބަރު އަހުމަދު ނިހާން ވިދާޅުވެފައިވާ ކަަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށެވެ.

ނިހާން "މިހާރު" އަށް ވިދާޅުވީ އިބޫ ދޫކޮށްލިއެކޭ ވިދާޅުވެފައި ނުވާނެ ކަމަށާއި ދެންނެވީ "ދޫކޮށްލާނެ" ކަމަށެވެ. ސަބަބަކީ އިބޫއަކީ "ވައިލެންޓް" ބޭފުޅަކަށް ނުވާތީ ކަމަށް ވެސް އައިޕީޔޫގެ މެމްބަރުންނަށް ދެންނެވި ކަމަށް ނިހާން ވިދާޅުވި އެވެ.

އެކަމަކު އިބޫގެ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ އޭނާގެ ބަންދަށް ނުވަ ދުވަސް ޖެހީ ދޫކޮށްލާފައި ހުރެއްޖެ ނަމަ މުޖުތަމައަށް ނުރައްކާވެދާނެ ކަމުގެ އިތުރުން ހެކި ފޮރުވަފާނެ ކަމަށް ބުނެ ކަމަށެވެ. ޖުމްހޫރީ މައިދާނަށް ވަޑައިގެން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް އިބޫ އަށް ތުހުމަތުކުރާއިރު، އެކަން ކުއްލި ނުރައްކަލުގެ ހާލަތަށް ފެތެނީ ކިހިނެއްތޯ ސުވާލު އުފެއްދެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

އިބޫ ހައްޔަރުކޮށް، ދޫނިދޫގައި އޭނާއާ ދޭތެރޭގައި އަނިޔާވެރިކޮށް އަމަލުކުރަމުންދާ ކަަމަށް ބުނެ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި އިބޫ އަށް ދާއިމީ ގޮތެއްގައި ދޭން ޖެހޭ، ހިތުގެ ބަލީގެ ބޭހާއި އަންނައުނު މިދިޔަ ހޮނިހިރު ދުވަހު އާއިލާގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އިބޫ ދޫނިދޫގައި ބަންދުކޮށްފައި ހުންނަވާތާ 24 ގަޑިއިރަށް ވުރެ ގިނަ އިރު ވީއިރު ވެސް، އެ ތަކެތި އިބޫއާ ހަވާލު ނުކުރާ ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.