މީގެ ދެ އަހަރު ކުރިން ކަނޑަށް ގެއްލުނު ކެމެރާއެއް ޓައިވާންގެ ގޮނޑުދޮށުން ފެނި އޭގެ ވެރިޔަކީ ކާކުކަން ވެސް ހޯދައިފި އެވެ.
މި ކެމެރާ ފެނުނީ ޓީޗަރަކާ އެކު ގޮނޑުދޮށަށް ގޮސް އުޅުނު 11 އަހަރުގެ ދަރިވަރަކަށެވެ. އެ ފެނުނު ރިނދަ އާއި ފެހި ޖަހާފައި އޮތްވަރުން އެއީ ކޯއްޗެއްކަން ނުވެސް އެނގެ އެވެ. ނަގައިގެން ބެލި އިރު، ފޮރުވިފައި އޮތީ ފެން ނުވަންނަ ކަވަރެއްގެ ތެރޭގައި އޮތް ކެމެރާއެކެވެ. ކެމެރާ އަށް އެއްވެސް ގެއްލުމެއް ނުވެ އެވެ.
ދަރިވަރުން ގޮވައިގެން ގޮނޑުދޮށަށް ދިޔަ ޓީޗަރު އިސްވެ ހުރެ، މި ކެމެރާގެ ވެރިޔަކު ހޯދުމަށް ފޭސްބުކްގައި ޖެހި އެވެ. އަދި ހަމަ އެ ޖެހި ދުވަހު ވެރިމީހާ ވެސް ފެނިއްޖެ އެވެ.
"އަހަންނަށް ގަބޫލުކުރަން ވެސް ދަތިވި،" ކެމެރާގެ ވެރިމީހާ ސެރީނާ ސުބަކިހާރާ، ބީބީސީ އަށް ބުނެފައިވެ އެވެ.
ޗުއްޓީއެއްގައި ޓައިވާނަށް ދިޔަ ޖަޕާނު ދަރިވަރެއް ކަމަށްވާ ސެރީނާ ބުނި ގޮތުގައި ކެމެރާ އާއި އެއިން ނަގާފައި ހުރި ބައެއް ފޮޓޯތައް ފޭސްބުކްގައި ޕޯސްޓްކޮށްފައި ހުއްޓާ ފެނިގެން އެ ވާހަކަ ބުނީ އެކުވެރިންނެވެ.
"ކެމެރާ ގެއްލުނީ ސްކޫބާ ޑައިވިން އަށް ގޮސް އުޅެނިކޮށް އެކުވެރިއެއްގެ ވައި ފުޅި ހުސްވެ އޭނާއަށް އަވަހަށް އެހީތެރިކަން ދޭން އުޅުމުގެ ތެރޭގައި،" ޓައިވާންގެ އިރުމަތީ ފަރާތުން 155 މޭލު ދުރުގައި އޮންނަ ރަށެއް ކަމަށްވާ އިޝިގާކީ ކައިރިއަށް ކެމެރާ ގެއްލުނު ގޮތް ކިޔައިދެމުން ސެރީނާ ބުނެފައިވެ އެވެ.
އޭނާ ބުނީ ސެޕްޓެމްބަރު 2015 ގައި ކެމެރާ ގެއްލުނު ދުވަހު، ދެން ދުވަހަކު ވެސް ކެމެރާ ފެންނާނެ ކަމަށް އެއްވެސް ވަރަކަށް އުންމީދު ނުކުރާ ކަމަށެވެ.
އެތައް ސަތޭކަ ކިލޯމީޓަރަކަށް ކެމެރާ ދަތުރުކޮށްފައި، އެންމެ ފަހުން އޭގެ ވެރިމީހާއާ ހަމަޔަށް ދާއިރު އެންމެ ބޮޑު އުފަލަކަށް ވެފައި ވަނީ ޗުއްޓީގައި ނެގި ފޮޓޯތައް ސަލާމަތުން ހުރުމެވެ. ކެމެރާ ގެއްލުނު ޑައިވިން ދަތުރުގެ ހުރިހާ ހަނދާންތަކެއް ވެސް އެބަހުއްޓެވެ. ޗުއްޓީގެ ކުރިން ޖަޕާނުގައި ނަގާފައި ހުރި ފޮޓޯތައް ވެސް އެބަހުއްޓެވެ.