ހުން ޖެހިގެން ދުވާލަކު 100 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާ: އޭޑީކޭ

ވައިރަލް ހުން ޖެހިގެން މިހާރު ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.


އެ ހޮސްޕިޓަލުން މިރޭ އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން، ހުން ޖެހިގެން ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަ އެވެ. އަދި 21 ވަނަ ދުވަހު 200 މީހަކު ޑޮކްޓަރަށް ދެއްކި އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުން، ހުން ޖެހިގެން ޑޮކްޓަރަށްދައްކާ މީހުންގެ އަދަދު މި މަސް ފެށުނީންސުރެ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި މަހުގެ 1-16 އާ ދެމެދު 1016 މީހަކު ވަނީ ހުން ޖެހިގެން ޑޮކްޓަރަށް ދައްކައިފަ އެވެ. އަދި 16-21 އާ ދެމެދު އެކަނިވެސް 928 މީހަކަށް ވަނީ ހުން ޖެހިފަ އެވެ.

މިއީ ހުން ޖެހިގެން އޭޑީކޭ ހޮސްޕިޓަލަށް ދެއްކި މީހުންގެ އަދަދު އެކަންޏެވެ. ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗުން މި މައުލޫމާތު ހާމައެއް ނުކުރެ އެވެ. ނަމަވެސް ހުމާއި ރޯގާ އާންމުވެފައި ވާތީ އެކަމަށް ސަމާލުވުމަށާއި މުހިންމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހުން ޖެހޭ މީހުން އިތުރުވުމާ ގުޅިގެން އޭޑީކޭ އިން ވަނީ އެކަމަށް ހާއްސަ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ. އެ ކްލިނިކް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން މެންދަމު 12:00 އަށް ހުޅުވާފައި ހުންނާނެ އެވެ.

މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ޖެހުނު މީހަކު ރޭ އޭޑީކޭގައި މަރުވެފައިވެ އެވެ. މިދިޔަ އަހަރު ވެސް 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވާއިރު އޭގެ ތެރެއިން ހަ މީހަކު މަރުވި އެވެ.