މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ކައިވެނީގެ ވާހަކަތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެ ހަފުލާގެ ކޮންމެވެސް ކަމަކާ ގުޅުވައި، މީޑިއާތަކުން ދައްކާ ވާހަކަތައް މަދެއް ނުވެ އެވެ. މިހާރު އެންމެ ގަދައަށް އަދިވެސް ދެކެވޭ އެއް ވާހަކަ އަކީ މޭގަންގެ ކައިވެނީގެ ހެދުމުގެ ވާހަކަ އެވެ.

މޭގަންގެ ކައިވެނީގެ ހެދުމަކީ ބަލައިލަން ވެސް ވަރަށް ފަސޭހަ، މާ ބޮޑު ގޮތްތަކެއް ހަދާފައި އޮތް ހެދުމެއް ނޫނެވެ. ދެ ކޮނޑާ ދިމާލަށް ފުޅާކޮށް ކަރުވަޅާއި ދިގު އަތް ލީ ކައިވެނީގެ ހެދުން ފުރިހަމަކޮށް ދިނީ ބޮލުގައި އަޅާފައި އޮތް ދިގު ވެއިލް އެވެ.

މި ހެދުން ފަރުމާކުރީ މަޝްހޫރު ފެޝަން ކުންފުނި ގިވެންޗީގެ ފުރަތަމަ އަންހެން ކްރިއޭޓިކް ޑިރެކްޓަރު ކްލެއާ ވައިޓް ކެލާ އެވެ. މޭގަން ހެދުން އިންސްޕަޔާކޮށްފައި އޮތީ ގިވެންޗީގެ ބާނީ ހަބަޓް ޑި ގިވެންޗީގެ ފަރުމާތަކުންނެވެ.

އެކަމަކު އިނގިރޭސިވިލާތުގައި ދިރިއުޅޭ ނިއުޒިލެންޑްގެ ފެޝަން ޑިނައިނަރު އެމީލިއާ ވިކްސްޓެޑް ތުހުމަތުކޮށްފައިވާ ގޮތުގައި މޭގަންގެ ކައިވެނީގެ ހެދުން އޮތީ އޭނާގެ ފަރުމާއަކުން ނަކަލުކޮށްފަ އެވެ. އެމީލިއާގެ ފަރުމާ އޭނާ ވަނީ އިސްޓްގަރާމްގައި ވެސް ހިއްސާކޮށްފަ އެވެ.

"މޭގަންގެ ކައިވެނީގެ ހެދުމަކީ އަހަރެމެންގެ ފަރުމާތަކުގެ ތެރެއިން ފަރުމާއެއް އަސްލަކަށް ބަލައިގެން ފަހާފައި އޮތް އެއްޗެއް،" އޭނާ ބުންޏެވެ.

އެމީލިއާ ބުނި ގޮތުގައި މޭގަން ކައިވެނީގެ ހެދުމާ އެކު ފެނުމާ އެކު ވަރަށް ގިނަ ބަޔަކު އެ ހެދުމަކީ އެ މީހުންގެ ފަރުމާއެއް ކަމަށް ވެސް ބުނަމުން ދިޔަ ކަމަށެވެ. އަދި މޭގަންގެ ހެދުން ދިމަދިމާލުން ގައިގައި ނުޖެހި ދޫވެފައި ހުރުމުން އެކަމަށް ވެސް އޭނާ ފާޑު ކިޔެ އެވެ.

"މި ހެދުމަކީ އަސްލު ގަޔަށް ފިޓްކޮށް ހުންނަން ޖެހޭ ކަހަލަ ހެދުމެއް. އެކަމަކު މޭގަން ހެދުމާ އެކު ފެނުނީ ވަރަށް ވެސް ދެން ބަލާލަން އުނދަގޫ ކަހަލަ ގޮތަކަށް،" އެމީލިއާ ބުންޏެވެ. "ހަމައެއާ އެކު މޭގަންގެ އިސްތަށިގަނޑު ވެސް ހުރީ ހެދުމާ ވަރަށް ނުގުޅޭ ކަހަލަ ގޮތަކަށް."

އެމީލިއާ: އޭނާ ބުނަނީ މޭގަންގެ ކައިވެނީގެ ހެދުން އޮތީ އޭނާގެ ފަރުމާއަކުން ނަކަލުކޮށްފައި ކަަމަށް.
އެމީލިއާ: އޭނާ ބުނަނީ މޭގަންގެ ކައިވެނީގެ ހެދުން އޮތީ އޭނާގެ ފަރުމާއަކުން ނަކަލުކޮށްފައި ކަަމަށް.

ކައިވެނީގެ ހަފުލާ ޓީވީގެ ޒަރީއާ އިން ވެސް ބެލި ވަރަށް ގިނަ ބަޔަކު މޭގަންގެ އިސްތަށިގަނޑު ސްޓައިލްކޮށްފައި އޮތް ގޮތަށް ފާޑު ކިޔާފައިވެ އެވެ. އެގޮތުން އިސްތަށިގަނޑު ހަދާފައި އޮތްލެއް "ލޫޒްކަމުން" އޭނާ އިރުއިރިކޮޅާ އިސްތަށިގަނޑު ރަނގަޅު ކުރާ ތަން ފެނުނު ކަމަށް ގިނަ މީހުން ބުންޏެވެ.

މޭގަންގެ ކައިވެނީގެ ހެދުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ވެސް ފާޑު ކިޔާފައިވެ އެވެ. އޭނާ އަށް ވެސް އެންމެ ބޮޑަށް އަޅައިގަތީ ހެދުން މޭގަންގެ ގަޔަށް ދޫކޮށް އޮތުމެވެ.

ކޭޓީ ބުނި ގޮތުގައި މޭގަން އާއި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ކައިވެނީގެ ހެދުން އަޅާކިޔާ ނަމަ ހޮވުމަކަށް ވާނީ ކޭޓްގެ ކައިވެނީގެ ހެދުމެވެ.

މޭގަންގެ ކައިވެނީގެ ހެދުމަށް އަމާޒުވެފައިވާ ފާޑު ކިޔުންތަކަށް ގިވެންޗީން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ހެދުމުގެ އަގަކީ 387،000 ޕައުންޑެވެ.