ހާއްސަ ގޮތްގޮތަށް ހައްދާފައި ހުންނަ މޭވާ ނީލަންތަކުގައި އަގުބޮޑުކޮށް ވިކޭ ޖަޕާނުގައި ދެ މެލަން 3.2 މިލިއަން ޔެން (29،300 ޑޮލަރު) އަށް ވިކިއްޖެ އެވެ.
މިހެން ބާއްވާ ނީލަންތަކުގައި އަގުބޮޑުކޮށް މޭވާ ގަތުމަކީ މުޖުތަމައުގައި މީހާގެ މަގާމު ރަމްޒުކޮށްދޭ ކަމަކަށް ޖަޕާނުގައި އޮންނަނީ ވެފަ އެވެ.
"ޔުބާރީ މެލަން" ގެ މި ނީލަން ކާމިޔާބުކުރީ، މޭވާ ބަންދުކޮށް ވިއްކާ ކާރުހާނާއަކުންނެވެ.
މި ވިކުނު އަގަކީ ޖަޕާނުގައި ކާރެއް ގަނެވޭނެ އަދަދެކެވެ. މީގެ ކުރިން ޖަޕާނުގައި އެންމެ އަގުބޮޑުކޮށް މޭވާއެއް ވިކިފައި ވަނީ މީގެ ދެ އަހަރު ކުރިން ތިން މިލިއަން ޔެން އަށެވެ.
"މެއި މަހުން ފެށިގެން ރަނގަޅަށް އަވި ދޭތީ މިފަހަރު ޔުބާރީ މެލަން ވަރަށް ރަނގަޅަށް ހެދުނު،" ނީލަން ކުރިއަށް ގެންދިޔަ ސަޕޯރޯ ސެންޓްރަލް ހޯލްސޭލް މާކެޓްގެ އޮފިޝަލަކު ބުނެފައިވެ އެވެ.
ހަދިޔާގެ ގޮތުގައި ޔުބާރީ މެލަން ދިނުމަކީ ޖަޕާނުގައި ވަރަށް ފަހުރުވެރި ކަމަކަށް އޮންނަނީ ވެފަ އެވެ. އެހެންވެ މީގެ މެލަން ހޯދަން މީހުން ވަރަށް މަސައްކަތްކުރެ އެވެ.
ޖަޕާނަކީ އާދައިގެ މޭވާ ވެސް އަގު ބޮޑު ގައުމެކެވެ. އެގޮތުން އާފަލެއް ތިން ޑޮލަރަށް ވިއްކަން ހުރުމަކީ އެ ގައުމުގައި އާދަޔާ ހިލާފް ކަމެއް ނޫނެވެ.