އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ، ސުޕްރީމް ކޯޓަށް އަބްދުﷲ ދީދީ އާއި ޣަނީ އައްޔަން ކުރަން ލަފާ ދީފި

އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ އޮތް ދެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އަބްދުﷲ ޔާމީނަށް މިއަދު ލަފާ އަރުވައިފި އެވެ.


އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދަށް ކުށެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމުމާ އެކު، މިދިޔަ ހަފުތާގައި އެ ދެ ބޭފުޅުންގެ މަގާމު ވަނީ ގެއްލިފަ އެވެ. ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ ބޭފުޅުންނެވެ.

ޖޭއެސްސީން މިއަދު ލަފާ ދިނީ އުއްތަމަ ފަނޑިޔާރު ކަމަށް ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށެވެ.

ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު، އެ ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ޑރ. ޑީޑީ އަކީ ރާއްޖޭގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަކީ ކުރިން ޖިނާއީ ކޯޓުގައި މަސައްކަތެއް ކުރެއްވުމަށް ފަހު، 2015 ގައި ހައި ކޯޓަށް އައްޔަން ކުރި ފަނޑިޔާރެކެވެ. ފަނޑިޔާރު ޣަނީ އަކީ 2004 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ބޭފުޅެކެވެ.

އުއްތަމަ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނެ އެވެ.

އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 72،000ރ. ލިބޭ އިރު، ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް 70،000ރ. ލިބެ އެވެ.

މިއީ 2010 ގައި އިންތިގާލީ މަރުހަލާ ނިމި، ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލި ފަހުން އައްޔަން ކުރާ ތިން ވަނަ އުއްތަމަ ފަނޑިޔާރެވެ. ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒް ހުސައިން 2014 ގައި މަގާމުން ވަކިކުރީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗުން ކުޑަ ކުރުމުގެ ގޮތުންނެވެ. އޭގެ ފަހުން، އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދެވެ.