ލޭ ހަދިޔާކުރުމަށް އެލިއާ އިން ބޭއްވި ކޭމްޕު ވަރަށް ކާމިޔާބު ކަމަށް، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން މިއަދު ބުނެފި އެވެ.

އެމްބީއެސް އާއި އެލިއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ކޭމްޕުގައި 186 މީހުން ލޭ ހަދިޔާ ކުރި އެވެ. މިއީ އެލިއާ އިން މި ކޭމްޕު ބޭއްވި ހަތަރު ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ކޭމްޕުގައި 146 މީހަކު ލޭ ހަދިޔާ ކުރި އެވެ.

ބްލަޑް ސާވިސްގެ ކްލިނިކަލް ނާސް، ގުލިސްތާން އީސާ ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް 25-30 މީހުންނަށް އެ ސެންޓަރުުން ލޭ އަޅައިދޭ ކަމަށެވެ. އެހެންވެ އެލިއާ އިން ބޭއްވި ކޭމްޕަކީ ވަރަށް ބޮޑު އެހީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުލިސްތާން ވިދާޅުވީ އެންމެ ރައްކާތެރީ އަމިއްލަ އަށް އެދިގެން ހަދިޔާކުރާ ލެޔެވެ. އެއީ ލޭ ހަދިޔާކުރުމަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެ މީހަކު ތައްޔާރުވެފައި ހުންނާނީ އަމިއްލަ އަށް އެދިގެން ލޭ ހަދިޔާ ކުރާއިރު ކަމަށް ވިދާޅުވި އެވެ.

އެލިއާ އިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޭމްޕުގައި ލޭ ހަދިޔާކުރި މީހުންގެ ޝުއޫރުތައް ރަސްރަނި ބަގީޗާގައި ހަރުކޮށްފައި.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އެލިއާ އިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޭމްޕުގައި ލޭ ހަދިޔާކުރި މީހުންގެ ޝުއޫރުތައް ރަސްރަނި ބަގީޗާގައި ހަރުކޮށްފައި.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މިފަދަ ކޭމްޕުތަކަކީ އަމިއްލަ އަށް އިސްނަގައިގެން ދަރުމަ އަށް ލޭ ހަދިޔާ ކުރާ މީހުން އިތުރު ކުރުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ ކޭމްޕުތަކެކެވެ. އެމްބީއެސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުންގެ ތެރެއިން، އަމިއްލަ އަށް އިސް ނަގައިގެން ދަރުމަ އަށް ލޭ ހަދިޔާ ކުރަނީ 33 ޕަސެންޓް މީހުންނެވެ.

ރާއްޖޭގައި ލޭ ހަދިޔާ ކުރާ މީހުންގެ ތެރެއިން ބޮޑު ޕަސެންޓެއް ލޭ ހަދިޔާ ކުރަނީ ކަމެއް ދިމާވެގެން ލޭ ހޯދަން މީހަކު އެދުމުންނެވެ. އެމްބީއެސް އާއި އެލިއާގެ ބްލަޑް ކޭމްޕުގެ އަމާޒަކީ މިކަން ބަދަލުކޮށް، މި ކޭމްޕުގެ ތެރެއިން ދަރުމަ އަށް ލޭ ދޭން ފެށުމުގެ އާދަ ގިނަ ބައެއްގެ ގައިގައި ހަރުލެއްވުމެވެ.

ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރު އަންނަ އިރު، ކޮންމެ ގައުމަކަށް ވެސް ބޭނުންވާ ލެއަކީ ދަރުމަ އަށް ލޭ ހަދިޔާ ކުރާ މީހުންގެ ފަރާތުން ލިބޭ ލެޔަށް ހެދުމެވެ.