ޓީސީ ސްޕޯޓްސް ކްލަބުގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް އެ ކްލަބުން ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އަންގާރަ ދުވަހު ހަވީރު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި ބޯޅަ ހޯދަން ބެންޖޯ ކުރި ޓެކުލަކާ އެކު އޭނާގެ ކަނާތު ކަކުލަށް އަނިޔާވި އެވެ. އެއާ އެކު އޭނާ ބަދަލުކުރަން ޖެހުނުއިރު، ބަދަލުގައި ކުޅެން އެރި ޒުވާން ޑިފެންޑަރު މުހައްމަދު އަޖުފާން އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އެ މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ބެންޖޯގެ އަނިޔާއަކީ ޓީމަށް ލިބޭނެ ގެއްލުމެއް ކަމަށް ބުނެފަ އެވެ. އަދި އެ މެޗުގައި ބެންޖޯގެ ބަދަލުގައި ކުޅެން އެރި އަޖުފާން ދެއްކި ކުޅުމަށް ނިޒާމްބެ ތައުރީފްކުރި އެވެ.
ބެންޖޯ އަށް ލިބުނު އަނިޔާގެ ކަންތައްތައް ބެލުމަށް ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި އަނިޔާވެފައިވަނީ އޭނާ މެނިސްކަސް އަށެވެ. އަދި ލިގަމެންޓަށް އަނިޔާއެއް ލިބިފައި ނެތުމުން އަނިޔާ ސީރިއަސް އެއް ނޫން ކަމަށާއި އުއްމީދުކުރަނީ ވަރަށް އަވަހަށް އޭނާ އަށް ކުޅުމުގެ ތެރެއަށް އަލުން އާދެވޭނެ ކަމަށް ޓީސީން ބުނެ އެވެ.
މި ސީޒަނުގައި މިހާތަނަށް ޓީސީން ކުޅުނު ގިނަ މެޗުތަކުގައި ބެންޖޯ ވަނީ ކުޅެފަ އެވެ. އަދި މި ފަހަރުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޓީސީ ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ކުޅުނެވެ.
މީގެ ކުރިން ވީބީ އައްޑޫ އެފްސީ އަށް ކުޅެނިކޮށް 2009 ވަނަ އަހަރު ބެންޖޯގެ ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފަ އެވެ. އެ ފަހަރު އަށް މަސް ދުވަހު ކުޅުމާ ދުރު ހުރުމަށް ފަހު ބެންޖޯ އަލުން ކުޅުމަށް އެނބުރި އައިސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މިދިޔަ އަހަރު ޓީސީ އަށް ބަދަލުވި ބެންޖޯ ވަނީ އޭގެ ކުރިން އައިއެފްސީ އާއި ވީބީ އައްޑޫ އެފްސީ އާއި ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސް އަށް ވެސް ކުޅެފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޓީސީއާ އެކު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި ޓީސީގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއްގައި ކުޅުނެވެ.
ލީގުގެ އެއް ވަނައިގައި އޮތް ޓީސީ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު ހަވީރު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.