ކޯޓުތަކަށް އަތްބާނަން މަސައްކަތެއް ނުކުރާނަން: ފައިސަލް

ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވަނީ ރާއްޖޭގައި އިންސާފު ގާއިމުވެފައި އޮތުން ކަމަށާއި އިދިކޮޅު ވެރިކަމެއްގައި ކޯޓުތަކަށް އަތް ބާނަން މަސައްކަތް ނުކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އއ. އަތޮޅުތަކަށް ފެއްޓެވި ދަތުރުފުޅުގައި އއ. ހިމަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކީ އިންސާފުން އެއްކިބާވެ، އެއް ފަރާތަކަށް ޖެހޭނެ މީހަކަށް ވާން ބޭނުންނުވާ ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި ތަންފީޒީ އިދާރާތަކަށް ގާނޫނުއަސާސީއާ ގާނޫނުތަކުން ލިބޭ އިހްތިޔާރުތައް ލިބޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް މިއަދު ހިމަންދޫ އަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން އޭނާ އަށް މަރުހަބާ ކިޔަނީ. - ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެންގެ ސަރުކާރަކުން އަދުލުވެރިކަމުގެ ނިޒާމުގެ ތެރެއަށް، ފަނޑިޔާރު ގެއަށް، އަތް ބާނައި ބޭނުންވާ ވަކި ކަންތައްތަކެއް، ވަކި ގޮތަކަށް ނިމުމަށްޓަކައި ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަން،" އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، އިންސާފަކީ ހަމައެކަނި ކޯޓުތަކުން ލިބޭ އެއްޗެއް ނޫނެވެ. ލަފާފުރުމުގައި ވެސް އިންސާފު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެ ފައިސަލް ވަނީ ހިމަންދޫގައި ބާ ފާލަމެއް އޮންނައިރު ވެސް އެކަމަށް ސަރުކާރުން ހައްލެއް ހޯދައިނުދޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި އެ ރަށުގައި ބަނދަރެއް ހަދައިދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

މި ސަރުކާރުން، ކުރާ ކަންކަން "ދެ ގުނަ ބޮޑުކޮށް" ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކުރާ ކަމަށް އިދިކޮޅު ޕާޓީތަކުން ކުރާ ތުހުމަތު ތަކުރާރު ކުރައްވަމުން ފައިސަލް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކުރި އިރު އެއީ އެންމެ 600 މިލިއަން ޑޮލަރަށް ހެދެން އޮތް ތަނެއް ކަމަށެވެ.

"ގައުމަށް ހެޔޮ އެދުމަކީ ހިތު ހުރިހާ ގޮތަކަށް ކަންކަން ކުރުމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލްގެ ދެއްކެވި ވާހަކައިގެ ޚުލާސާއެއް:

- އިވެނީ ރާއްޖޭގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ ތަން.

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު 600 މިލިއަން ޑޮލަރަށް އާ ކުރެވެން އެބައޮތް.

- ވަކި ބަޔަކާ މެދު ބޭރުގެ ފަރާތްތަކުން ފިޔަވަޅު އަޅަން އުޅޭތީ ކަންބޮޑުވޭ.

- މަސައްކަތް ނިންމާނީ އިންސާފު ހޯދައިދީ، ކަށަވަރުކޮށްދީފައި.

- ރައްޔިތުންގެ މެދުގައި އޮތް ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ގާއިމުކޮށްދޭނަން.

ފައިސަލް މިއަދު ހިމަންދޫ އަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން އޭނާ އަށް މަރުހަބާ ކިޔަނީ. - ފޮޓޯ: އެމްޑީޕީ

ފައިސަލް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރައްޔިތުން ފައިސާ ބޭނުން ކުރާނީ އެ ރައްޔިތުން ބޭނުންވާ ގޮތަށް ދެ ފުށް ފެންނަ ގޮތަށް އެއްވެސް އިސްރާފެއް ނުކޮށް ކަމަށެވެ. އަދި ރައްޔިތުންނަށް އެއްވެސް ދެރަ ގޮތެއް ވާން ބޭނުން ނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައި އޮތްކަން ފާހަގަކުރައްވައި ފައިސަލް ވަނީ އިދިކޮޅު ވެރިކަމެއްގައި އިސް ކުރާނީ ސުލްހަވެރިކަމާއެކު ރީތި ގޮތުގައި، އިސްލާމީ ގައުމުތަކާއި އަވައްޓެރި ގައުމުތަކާ ގުޅުން ގާއިމުކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.