ކާބުލް (އޮގަސްޓް 21) - އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރާ ކައިރި އަށް މިއަދު ރޮކެޓް ހަމަލާތަކެއް ދީފައި ވަނީ އީދުގެ މުނާސަބަތުގައި ރައީސް އަޝްރަފުލް ޣަނީ ތަގްރީރެއް ދެއްވަން ހުންނަވަނިކޮށް ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޓީވީން ވަގުތުން ތަގްރީރު ދެއްވި އިރު ހަމަލާތަގެ އަޑުފައްގަނޑު އިވެމުން ދިޔަ އެވެ. ސިފައިންގެ ހެލިކޮޕްޓަރަކުން ފަހުން ވަނީ ހަނގުރާމަވެރިން ހަމަލާ ދޭން ބޭނުން ކުރި އިމާރާތަށް ހަމަލާދީފަ އެވެ. އަފްޣާން އަސްކަރިއްޔާ އިން ބުނެފައި ވަނީ ހަމަލާ ދިން މީހުން މަރާލާފައިވާ ކަމަށެވެ.
މި ހަމަލާ ދީފައި ވަނީ އީދާ ދިމާކޮށް ހަމަލާތައް ހުއްޓާލުމަށް ރައީސް އަޝްރަފުލް ޣަނީ ގޮވާލައްވާފައި ވަނިކޮށެވެ.
ކާބުލް ފުލުހުން ބުނީ ހަތިޔާރު އަޅައިގެން ތިބި ތިން ހަނގުރާމަވެރިއަކު ވަނީ އީދު ގާހް މިސްކިތުގެ ފުރަގަހުގައި ހުރި އިމާރާތަކަށް ވަދެގެންފައި ކަމަށެވެ. އަދި ހަމަލާ ދިނީ އެ އިމާރާތުން ކަމަށް ބުނެފައިވެ އެވެ.
އަފްޣާނިސްތާނުގައި ހަމަލާތައް ދެމުން ގެންދަނީ ތާލިބާނުންނާއި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނެވެ.